ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މިނިސްޓަރ އޮފް ސްޓޭޓް، ޑރ. ޢަބްދުﷲ ނިޔާޒް، ޒިންހުއާ ނިއުސް އެޖެންސީގެ ޒެޖިއާންގް ބްރާންޗްގެ ޑެޕިއުޓީ ޑިރެކްޓަރ ޜާންގް ލީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޗައިނާގެ ވެންޒޫގައި ބޭއްވުނު ’2025 މެރިޓައިމް ސިލްކް ރޯޑް އަރބަން ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް‘ އާއި ’އިންޓަރނޭޝަނަލް ޓްރެވަލް އެޖެންޓްސް ކޮންފަރެންސް’ގެ ހަވާސާގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ރާއްޖޭގެ ފަތުރުވެރިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުންނެވެ. އޭގެ އިތުރުން ސަގާފީ ތަރިކަ ފުޅާ ދާއިރާއެއްގައި ދައްކާލުމަށްޓަކައި ޒިންހުއާއާ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ. މިގޮތުން ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތަކާއި، ރާއްޖޭގެ ރީތިކަމާއި ސަގާފީ ތަފާތުކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ވަނީ ޚިޔާލު ބަދަލުކުރައްވާފައި ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ރާއްޖެ އިޝްތިހާރުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މީޑިއާއާ އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.






