ކޮންގްރެސް މެމްބަރުން ޖަލަށް ލާން ގޮވާލައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 23, 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް  ވަނީ ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ 6 މެމްބަރުން ޖަލަށްލުމަށް ގޮވާލައްވައިފައެވެ. މިފަރާތްތަކުން ވަނީ އެމެރިކާގެ ސިފައިންނަށް ޓްރަމްޕް އަންގަވާ ޤާނޫނާ ޚިލާފު އަމުރަށް ތަބާނުވުމަށް ގޮވާލައްވައި ވީޑިއޯއެއް ޝާއިއުކުރައްވާފައެވެ.

މިކަމާ ގުޅިގެން ޓްރަމްޕް ވަނީ އެފަރާތްތަކާ ދެކޮޅަށް ހައްދުފަހަނަޅާފައިވާ ހަރުކަށި ބަސްމަގެއް ބޭނުންކުރައްވާފައެވެ. އަދި ބައެއް މެމްބަރުން ވަނީ އެފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ޒާތުގެ ބަހުރުވަ ޓްރަމްޕް ބޭނުން ކުރެއްވި ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ޓްރަމްޕް ވަނީ ކޮންގްރެސްގެ އެ މެމްބަރުންގެ އަމަލުތަކަކީ ”މަރުގެ އަދަބު ލިބޭ ފިތުނަވެރިކަމެއް“ ކަމަށް ސިފަކުރައްވާފައެވެ.

ޓްރަމްޕްގެ ޣެއިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ގޮވައި ލެއްވި ސެނެޓަރުންނާއި ރެޕްރެޒެންޓެޓިވުންގެ ތެރޭގައި ހިމެނެނީ: މާކް ކެލީ، އެލިސާ ސްލޮޓްކިން، ޖޭސަން ކްރޯ، ކްރިސް ޑެލޫޒިއޯ، ކްރިސީ ހޫލަހަން އަދި މެގީ ގުޑްލޭންޑާ އެވެ.

މި އެންމެންނަކީވެސް އަސްކަރީ ނުވަތަ އިންޓެލިޖެންސް ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުން ވަނީ އަސްކަރީ ސިފައިންނަށް ޤާނޫނާ ޚިލާފު އަމުރަށް ތަބާނުވުމަށް ގޮވާލައްވާފައެވެ.

ޓްރަމްޕްގެ ރައްދު ޝާއިއު ކުރައްވާފައި ވަނީ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ޓްރަމްޕް ވަނީ ގާނޫނު ހަދާ މަޖިލީހުގެ މި ފަރާތްތަކަކީ ”ޚާއިނުން“ ކަމަށް ވިދާޅުވެފައެވެ.

އަދި ”އެމީހުންގެ އަމަލުތައް ދިފާއުކުރުމަށް ދޮގު ޚަބަރު ފަތުރާ މީޑިއާއަށް އަރައި ތިބުމަށްވުރެން ޖަލުގައި ތިބުން އެކަށީގެންވާ“ ބަޔެއް ކަމަށް ވިދާޅުވިއެވެ. ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކުން ވަނީ ޓްރަމްޕްގެ މި ބަސްފުޅުތަކަކީ ބިރުވެރިކަމުގެ އިންޒާރުތަކެއް ކަމަށް ސިފަކުރައްވައި އެކަން ކުށްވެރި ކުރައްވާފައެވެ.

 

 

 

 

މި ލިޔުމާ ގުޅޭ