ލަންކާގައި ފެން ބޮޑުވުން

ބަސް އޮޔާ ދިޔައިރު ފަސިންޖަރުން ފުރާޅުމަތީގައި: އަދިވެސް ސަލާމަތެއް ނުވޭ

މުޙައްމަދު ގުރައިޝް އަޙްމަދު
ނޮވެމްބަރ 28, 2025

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ދަތުރުކުރަމުންދިޔަ ބަހެއް ތާށިވެ އޭގައި ތިބި ގިނަ ބަޔަކު ހާލުގައި ޖެހިއްޖެއެވެ. އަނޫރާދަޕޫރާ އާއި ޕުޓަލަމް އާ ދެމެދު އޮންނަ ކަލަވޭވާ ބްރިޖު މަތިން ދަތުރުކުރަނިކޮށް ތާށިވި މި ބަހުގައި 70 ވަރަކަށް މީހުން ތިއްބެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ސަރަހައްދުގައި ފެންބޮޑުވެފައިވާ މިންވަރު ހުރީ މީހުންގެ ކޮނޑާ ހަމައަށެވެ.
މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދުގައި ތިބި މީހުން ސަލާމަތް ކުރުމަށް ނޭވީގެ ބޯޓެއް ހަރަކާތްތެރިވި ނަމަވެސް، ސަލާމަތް ކުރެވުނީ އެންމެ ހަ މީހުންނެވެ. ބަހުގައި ތިބި މީހުންގެ ތެރެއިން މީހަކު މީޑިއާއަށް ބުނި ގޮތުގައި އެހީ ހޯދުމަށް ދޮޅު ގަޑިއިރެއްހާއިރު ވަންދެން އެކި ފަރާތްތަކަށް ގުޅިއެވެ. ނަމަވެސް ވަގުތުން އެހީތެރިކަމެއް ނުލިބުމުން އެ މީހުން ވަނީ ކައިރީގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް އަރައި ރައްކާތެރިކަން ހޯދާފައެވެ. މީހުން ފޭބި ފަހުން އެ ބަސް ވަނީ އޮޔާ ގޮސްފައެވެ.
މި ކަންބޮޑުވުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ. މިގޮތުން މެމްބަރު އަޖިތު ޕީ ޕެރޭރާ ވަނީ ބަސް ތާށިވެ ރައްޔިތުންތަކެއް ހާލުގައި ޖެހިފައި ތިބޭތާ ގިނަ އިރުތަކެއް ވެފައިވާކަން ފާހަގަ ކުރައްވައި، މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ