އެމްޑީޕީ ބައިބައިވުމުން މެންބަރުންގެ މެދުގައި އުފެދިފައިވާ މާޔޫސްކަން ފިލުވާލައި ޕާޓީ އެއްބައެއްގެގޮތުގައި ކުރިއަށް ދިއުމުގެ ފޯރިއާއި ޖޯޝް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަޙުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.
ސައްޕެ އަކީ އެމްޑީޕީގެ ފައުންޑިން މެންބަރެކެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މ. އަތޮޅުގެ މެންބަރުކަން ވެސް ކުރައްވާފައިވެއެވެ. މިހާރު އޭނާ ވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލާން ނިންމާފައެވެ.
ޕާޓީއަށް ރޫހު ގެނެސްދީ އެކުވެރިކަން ބަދަހި ކުރުމަށް ”އަޅުގަނޑުމެންގެ ޓީމުން މިގެންދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުން. މިގޮތުން މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި އުޅުއްވާ ޕާޓީގެ ބައެއް މެންބަރުންނާއި، ބައެއްރަށްރަށަށް ދަތުރުކޮށް އެރަށްރަށުގެ ބައެއް މެންބަރުންނާ ބައްދަލުކޮށް ކަންބޮޑުވުންތަކާމެދު މަޝްވަރާކުރެވިއްޖެ. ނަތީޖާ އުފާވެރި.“ އޭނާ ވިދާޅުވެފައިވެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ސައްޕެ ވިދާޅުވެފައިވަނީ އެތައް މަސައްކަތަކުން މިހާރުވަނީ އެމްޑީޕީއާއި ޑިމޮކްރޭޓްސް އެއްކުރެވިފައި ކަމަށެވެ. ޕާޓީދެބައިވެ އުފެދުނު ހީނަރުކަމުގެ ތެރޭގައި ކުރިމަތިވެގެންދިޔަ މެންބަރުންގެ މާޔޫސްކަން ފިލުވަން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.






