އެކްސިޑެންޓުވި ދެމީހަކަށް މިނިސްޓަރ އިޙްސާންގެ އެހީތެރިކަން

މުހައްމަދު އަލީ
ޑިސެމްބަރ 1, 2025

މިއަދު އިރުއޮއްސި ހަގަޑި ބައި އެހައިކަންހާއިރު ސިނަމާލޭ ބުރިޖުމަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔަވީ ދެމީހަކަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އެހީތެރިވެދެއްވައިފިއެވެ.

ފުލުހުން ވިދާޅުވީ އެމީހުންނަށް އެހީތެރިވުމަށްފަހު ދެމީހުން ވެސް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިނިސްޓަރުގެ ކާރުކޮޅުގައި ކަމަށެވެ. މިނިސްޓަރު އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވަނީ އެވަގުތު ބުރިޖުމަތިން ދަތުރު ކުރައްވަނިކޮށް މަންޒަރު ފެނިވަޑައިގަތުމުން ކަމަށް އެނގިފައިވެއެވެ. މިއެކްސިޑެންޓުވީ މާލެއިން ހުޅުމާލެ އަށްދިޔަ ދެ ސައިކަލް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ސައިކަލް ދުއްވަންތިބި ދެމީހުންނަށެވެ. ދެމީހުންނަކީވެސް ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެމީހުންނަށް ވެސް މިހާރު ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެކްސިޑެންޓުގައި އެކެއްގެ މޫނުމަތިން ފަޅައިގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ އިތުރުން ދެމީހުންގެ ވެސް ގައިގެ އެކިތަންތަން މަށައިގެންގޮސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުންވަނީ ވެފައެވެ.

ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ.

 

މި ލިޔުމާ ގުޅޭ