މަރުވި މީހާގެ އާއިލާއިން ބުނާ ގޮތުގައި، ހަދީޖާގެ ހާލު ސީރިއަސް ވެފައިވަނީ އެ ކްލިނިކުން ތިން ދަތް ނެގިތާ ގިނަ އިރުތަކެއް ނުވަނީސް ކަމަށެވެ. އެގޮތުން ދަތް ނެގިތާ ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ވީތަނާ އޭނާގެ ހާލު ދެރަވި ކަމަށާއި، ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. މިކަމާ ގުޅިގެން އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައިގެ ޝަކުވާ ލިބުމާއެކު ހެލްތް މިނިސްޓްރީން މިހާރު ވަނީ އެކަން ބަލަން ފަށާފައެވެ. އެ މިނިސްޓްރީން ބުނީ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ނަމަވެސް ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.






