ދިއްލީގެ ހައިދަރްއާބާދު ހައުސް

އިބްރާހީމްް ސަމީރު
ޑިސެމްބަރ 5, 2025

އިންޑިއާގައި ވެރިކަން ކުރި މުޣައްލައާއި ނިޒާމް ޚާންދާން މަތިން ހަނދާން ކުރަންޖެހޭނީ ހަމައެކަނި ވެރިންގެ ގޮތުގައެއް ނޫނެވެ. އިންޑިއާގެ ތަރައްގީގައި އެމީހުންގެ ހިއްސާ ބަލައި ގަންނަން ޖެހޭނީ އިމާރާތް ކުރި އާކިޓެކްޗަރުންނާއި، ސަގާފަތާއި ޑިޕްލޮމެސީއަށް ކުރާ އިންވެސްޓްމަންޓްތަކުން އިންޑިއާގެ ޒަމާނީ ސިޔާސީ އައިޑެންޓިޓީ ބައްޓަން ކުރަމުންދާ ބާނީންގެ ގޮތުގައެވެ.

މިއަދު އިންޑިއާ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ރަޝިޔާގެ ޕޫޓީންއާ ބައްދަލު ކުރެއްވި ހައިދަރުއާބާދު ހައުސް އަކީ ގަނޑުވަރަކަށްވުރެ މާ މުހިންމު އިމާރާތެކެވެ. އެއީ އިންޑިއާގެ ޕްރިންސްލީ މާޒީއާއި މިނިވަން އިންޑިއާގެ ޑިމޮކްރެޓިކް ޑިޕްލޮމެޓިކް މަސައްކަތާ ދެމެދު އޮންނަ ފާލަމެކެވެ. މުސްލިމް ޕްރިންސްލީ އަމީރުންގެ އިންޑިއާ ބިނާ ކުރުމުގެ ތަރިކައިގެ މުހިންމުކަން މި އިމާރާތުން ދައްކުވައިދެއެވެ.

ހައިދަރްއާބާދު ހައުސް: ތާރީޚާއި ޑިޕްލޮމެސީގެ ރަމްޒެއް

ހައިދަރްއާބާދު ހައުސްއަކީ ހަމައެކަނި ބިނާއެއް ނޫނެވެ. އެއީ އިންޑިއާގެ ޚާރިޖީ ޑިޕްލޮމެސީގެ މަޝްވަރާތަކުގެ މައި މަރުކަޒެވެ. އެއީ، ތާރީޚާއި ސަގާފަތާއި ސިޔާސަތު އެކުލެވިފައިވާ މުހިންމު ރަމްޒެކެވެ. މި ބިނާގެ އަސްލު ފެށިފައިވަނީ މުސްލިމް ރަސްރަސްކަލުންގެ ވެރިކަމުގެ ތެރެއިންނެވެ. ޚާއްޞަކޮށް މުޣަލް ރަސްކަމާއި، ހައިދަރްއާބާދުގެ ނިޒާމުން އިންޑިއާގެ ޒަމާނީ ސިޔާސީ އަދި ސަގާފީ ދާއިރާއަށް ކޮށްފައިވާ ދިގުދެމިގެންދާ ހެޔޮ އަސަރު މި ބިނާއިން ދައްކުވައިދެއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ވްލަޑިމިއަރ ޕޫޓިންއަށް މެހެމާންދާރީ އަދާކުރައްވާ މި ގަނޑުވަރަކީ، އިންޑިއާގެ ތާރީޚީ ތަރިކަ މިއަދުގެ ދުނިޔޭގައި ބޭނުންކުރެވޭ ގޮތުގެ ދިރިހުރި މިސާލެކެވެ.

މުސްލިމް ވެރިކަމުގެ ވާރުތަ އާއި ޒަމާނީ ސިޔާސަތު

ހައިދަރްއާބާދު ހައުސް ބިނާކޮށްފައި ވަނީ 1926 ވަނަ އަހަރު، ހަތްވަނަ ނިޒާމް، މީރު އުސްމާން އަލީ ޚާންގެ އަމުރުފުޅަށެވެ. މިއަދު މި ގަނޑުވަރު ބޭނުންކުރެވެނީ ބޭރުގެ ވެރިންނަށް މެހެމާންދާރީ އަދާކުރުމަށް ޚާއްޞަވެފައިވާ އިންޑިއާގެ އެންމެ މަތީ ފެންވަރުގެ އެއް މަރުކަޒުގެ ގޮތުގައެވެ.

މި ބިނާ ޑިޕްލޮމެޓިކް މައިދާނުގައި ބޭނުންކުރެވެމުންދާކަން ދައްކުވައިދެނީ، ރަސްރަސްކަލުންގެ ވެރިކަމުގައި އާކިޓެކްޗަރަލް އަދި އާންމު ޖާގަތަކަށް ކުރެވުނު އިންވެސްޓްމަންޓްތައް، އިންޑިއާގެ ޒަމާނީ ޑިޕްލޮމެސީގެ މުހިންމު ބައެއްގެ ގޮތުގައި ބަދަލުވެފައިވާ ކަމެވެ.

މުޣަލް އަދި ނިޒާމްގެ އިމާރާތް ބިނާ ކުރުމުގެ ހިއްސާއަކީ ސަގާފީ އެއްބައިވަންތަކަމުގެ މިސާލެކެވެ. ހައިދަރްއާބާދު ހައުސްގައި މުޣަލްގެ ފަންނާއި ޔޫރަޕިއަން ޑިޒައިން އެއްކޮށް ލާމަހާފައި ވެއެވެ. މިއިން ދައްކުވައިދެނީ، އިންޑިއާގެ ސަގާފީ ތަރިކަ ބޭރުގެ ދުނިޔެއަށް ތަސައްވުރު ކޮށްދެވޭ ގޮތެވެ.

މި އާކިޓެކްޗަރަލް ވިސްނުމަކީ އިންޑިއާގެ ބައިނަލްއަޤްވާމީ ސިފަ ބައްޓަންކުރާ އެއްޗެކެވެ. ނިޒާމް މި ގަނޑުވަރު ބިނާކުރެއްވީ، މިނިވަންވުމުގެ ކުރިން އޮތް މަޝްވަރާ މަޖިލިސް ކަމަށްވާ ޗެމްބަރ އޮފް ޕްރިންސަސްގެ ބައްދަލުވުންތައް ބޭއްވުމަށެވެ. އެ ވިސްނުމުގެ ސަބަބުން މިހާރު މި ބިނާ ވަނީ އިންޑިއާގެ ޚާރިޖީ ވުޒާރާގެ މައިގަނޑު މަޝްވަރާގެ މަރުކަޒަށް ވެފައެވެ.

  • މި ގަނޑުވަރު ބިނާ ކުރުމަށް އެ ދުވަސްވަރު 45 މިލިއަން ޑޮލަރު ހޭދަ ކޮށްފައި ވާނެއެވެ. ފުރަތަމަ ކަނޑައެޅި 2ލައްކަ ޑޮލަރެވެ. ނަމަވެސް ފަހުން ޚަރަދުތައް އިތުރު ވެގެން ދިޔައީއެވެ.
  • ހައިދަރުއާބާދު ހައުސް އިމާރާތް ކޮށްފައި ވަނީ ކޮކާ އެއްގެ ބައްޓަމަށެވެ.
  • ގަނޑުވަރުގައި ފުރަތަމަ 36 ކޮޓަރި ހެއްޖެވެ. އޭގެ ތެރެއިން ހަތަރު ކޮޓަރި ހާއްސަކޮށްފައިވަނީ އަންހެނުންގެ މާލަންތަކަށެވެ.
  • ކަރަންޓު ސާމާނު އެތެރެ ކޮށްފައި ވަނީ ނިއުޔޯކުން ނެވެ.
  • މި ގަނޑު ވަރަށް ޖެހިގެން ހުރި ދެބިމާއި އިމާރާތްތައްވެސް ވަނީ ގަނެފައެވެ.
  • މިއީ މިހާރު އިންޑިއާގެ ފޮރިން މިނިސްޓްރީން ބަލަހައްޓާ އިންޑިއާ ސަރުކާރުގެ މިލްކުވެރި އިމާރާތެކެވެ.

ނިޒާމުންގެ އަދުލުވެރި ޙިއްސާ

ހައިދަރްއާބާދުގެ ނިޒާމުންނަކީ އެވެރިންގެ ޒަމާނުގައި ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެރޭގައި ހިމެނުނު ބަޔެކެވެ. އެ ބޭފުޅުން ވަނީ އިންފްރާސްޓްރަކްޗަރ، ތަޢުލީމު އަދި ފަންނުވެރި މަސައްކަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވާފައެވެ. އެ މުއްސަނދިކަމުގެ ސަބަބުން ފަންޑުކުރެވުނު މަޝްރޫޢުތަކަކީ މިއަދުވެސް އިންޑިއާގެ ސަގާފީ އަދި އާންމު ދިރިއުޅުން މުއްސަނދިކޮށްދޭ ތަކެއްޗެވެ.

ހައިދަރްއާބާދު ހައުސްގައި ލާހޯރުގެ އަބްދުލް ރަޙްމާން ޗުޣުތާއީ (30 ކުރެހުން) ފަދަ މަޝްހޫރު ކުރެހުންތެރިންގެ މަސައްކަތްތަކާއި، ފާރިސްކަރައާއި އަދި ޢިރާޤުގެ ކާޕެޓްތަކާއި، ބަރުމާގެ ހައިވަކަރުގެ ފަންނީ މަސައްކަތްތަކުން އިންޓީރިއަރ ޑިޒައިންތައް ހަދާފައި ވެއެވެ. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން އިންޑިއާގެ އިސްލާމީ ފަންނު ވެރިކަން ރައްކާތެރިކޮށް ކުރިއެރުވުނެވެ. އެއީ މިއަދުވެސް އިންޑިއާގެ ޤައުމީ ފަޚުރެކެވެ. 1954 ވަނަ އަހަރު މި ގަނޑުވަރު އިންޑިއާ ސަރުކާރަށް ކުއްޔަށް ދިނުމަށްފަހުވެސް، ނިޒާމްގެ މެހެމާންދާރީގެ ވިސްނުން ވަނީ ޤައުމަށް ޚިދުމަތްކުރުމުގައި ދެމިހުންނަވާފައެވެ. މިއަދު މި ގަނޑުވަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވެރިންނަށް މެހެމާންދާރީ އަދާކުރެއެވެ. އެއީ އިންޑިއާގެ ބައިނަލްއަޤްވާމީ މަޤާމު ސާބިތުކޮށްދޭ ކަމެކެވެ.

ޒަމާނީ އިންޑިއާގައި މުޣަލްގެ ނުފޫޒު

މުޣަލް ރަސްކަމުގެ ދުވަސްވަރުގެ ލާލް ކިއްލާ އާއި ދިއްލީގެ ޖާމިއާ މަސްޖިދު ފަދަ ބިނާތަކުން ފެށިގެން ހައިދަރްއާބާދު ހައުސްއާ ހަމައަށް، މުސްލިމް ވެރިން ވަނީ ޤައުމީ ރަސްމިއްޔާތުތަކާއި ބައިނަލްއަޤްވާމީ ޑިޕްލޮމެސީގެ ބައްދަލުވުންތައް ބާއްވާނެ ތަންތަން ބިނާކޮށްދީފައެވެ. މުޣަލްގެ ސަގާފީ އާދަކާދައިގައި ފާރިސްކަރައާއި މެދުތެރޭ އޭޝިއާ އަދި އިންޑިއާގެ ފަންނުވެރިކަން އެއްކޮށްލުމުގެ ސަބަބުން، އާދަޔާޚިލާފު ސަގާފީ އެއްބައިވަންތަކަމެއް އުފެދުނެވެ. މި އެއްބައިވަންތަކަމަކީ އިންޑިއާގެ ޒަމާނީ ސިޔާސަތުގައިވެސް ފާހަގަކުރެވޭ ކަމެކެވެ.

މި ލިޔުމާ ގުޅޭ