އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ދެއްކެވިފަދަ ހިތްވަރުގަދަ ނަމޫނާއާ އެއްގޮތަށް އެމްޑީޕީގެ ރައީސް ކަމުން ޢަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ފައުންޑިން މެންބަރެއް ކަމަށް އަޙުމްދު ޝަފީގު (މީމު ސައްޕެ) ގޮވާލައްވައިފިއެވެ.
އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޝާހިދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާތީ ކަމަށެވެ.
”އެމްޑީޕއެމްޑީޕީގެ ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދަކީ ވެސް އެމްޑީޕީ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައި އެކަމަށް ގަދައަޅާ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް! އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އޮނަރަބަލް ފައްޔާޒު އިސްމާއީލް ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި އެނިންމެވި ހިތްވަރުގަދަ ނިންމެވުން ތަޢުރީފާއެކު ފާހަގަކުރަން،“ އޭނާ ވިދާޅުވެފައިވެއެވެ.
ސައްޕެ ވިދާޅުވެފައިވަނީ ޝާހިދަކީ ރާއްޖެއާއި ރާއޖެއިން ބޭރުގައިވެސް ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ޑިމޮކްރަސީގެ މާރީތި މިސާލެއް ދައްކަވާނޭ ކަމަށް ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
”އޮނަރަބަލް ޢަބްދުﷲ ޝާހިދަކީ ރާއްޖެއާއި ބޭރުދުނިޔޭގައިވެސް ވަރަށް ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތަކަށްވީހިނދު، ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތައް ނެގެހެއްޓުމުގައި މާރީތި މިސާލު ދައްކަވާނެ ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން،“ އޭނާ ވިދާޅުވެފައިވެއެވެ.
”މިހިއްވަރުގަދަ ޝަރަފުގައި ފަސްޖެހި ވަޑައިނުގެން އެމްޑީޕީގެ ރައީސް ކަމުގެ މަޤާމުން ޢަބްދުﷲ ޝާހިދު ވެސް އިސްތިޢުފާ ދެއްވުމަށް އަޅުގަނޑު ގޮވާލަން،“ ސައްޕެ ވިދާޅުވެފައިވެއެވެ.






