އެމްގެޕް (މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް) ޕްރޮގްރާމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދަތުރުގައި އައި މުހިންމު ބަދަލެއްގެ ފެށުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދަނޑުވެރިން، އެމްގެޕްއަށް އަހުލުވެރިކުރުވުމަށް މީރުމާގައި އިއްޔެ ބޭއްވި ވޯކްޝޮޕްގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ނުވަތަ ދިވެހި ދަނޑުވެރިންނަށް ލިބެމުން އަންނަ ކުރިއެރުންތައް ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ. ”ހަމައެކަނި މިދިޔަ އަހަރަށް ބެލި ކަމުގައި ވިޔަސް، ޕީޑީއެސްއޭއީ މަޝްރޫޢުގެ ދަށުން 50 ދަނޑުވެރިން ތަމްރީނުކުރެވިފައިވޭ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، ށ.ގޮއިދޫ އައިލެންޑް ފާމާސް ފޯރަމްގެ 10 މެމްބަރުން ވަނީ ގޮންޖެހުންތައް ގިރާކޮށް އެމްގެޕް އޮޑިޓް ކާމިޔާބުކުރައްވައި ސެޓުފިކެޓު ހޯއްދަވާފައި. މިއާއެކު ށ. ގޮއިދޫ ވެފައިވަނީ ދިވެހިރާއްޖޭގައި އެމްގެޕްގެ 5 މޮޑިއުލްއާއިއެކު ސެޓުފިކެޓު ލިބުނު ފުރަތަމަ ރަށުގެ ގޮތުގައި،“ ވަޒީރު ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ މިއީ ތާރީޚީ ކާމިޔާބެއް ކަމަށެވެ. މި ކާމިޔާބީތަކުން ދައްކުވައިދެނީ، ހިތްވަރާއެކު މަސައްކަތްކޮށް، އެކަށީގެންވާ އެހީތެރިކަމާއި ވަރުގަދަ ގުޅުމެއް އޮތްނަމަ، އެމްގެޕް ސެޓުފިކެޓު ވެސް ހާސިލުކުރެވޭނެކަން ކަމަށް ވިދާޅުވިއެވެ.

”ނަމަވެސް، އަޅުގަނޑުމެންގެ މަސައްކަތް މިހިސާބުން ނިމުނީއެއް ނޫން. ކޮންމެ ބޭފުޅަކު ވެސް ރަށަށް އެނބުރި ވަޑައިގަންނަވަން ވާނީ ހެޔޮ ބަދަލު ގެނުވާނޭ ސަފީރެއްގެ ގޮތުގައި. ތިޔަ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާނީ، އަޅުގަނޑުމެންގެ ދަނޑުވެރިކަމުގެ ދާއިރާ ބަދަލުކުރެވިދާނެ ގޮތެއްގެ ތަޞައްވުރު. ކޮންމެ ގޭބިސީއެއްގެ ކޮންމެ ސުފުރާއަކަށް ރައްކާތެރި ކާނާ ފޯރުކޮށްދެވިދާނޭ ގޮތްތައް. ދަނޑުވެރިންނަށް ލިބޭ އާމްދަނީއިން ފުދުންތެރި ދިރިއުޅުމެއް ހޯދޭނޭ މަގުތައް. ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކަންމަތީ ބޭއްވޭނޭ ފަދަ ދަނޑުވެރިކަމުގެ އުކުޅުތައް،“ ވަޒީރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ އެމްގެޕްއަކީ ކަރުދާހުގައިވާ ޝިއާރުތަކެއް ނޫންކަމަށާއި، އެއީ ދަނޑުވެރިންނަށް ލިބޭ ޝަރަފެއް ކަމަށެވެ. އޭގެ އިތުރުން ބާޒާރުން ކާނާ ގަންނަ ފަރާތްތަކަށް ލިބޭނޭ ސިއްހީ ރައްކާތެރިކަމުގެ ޔަގީންކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް ކުރިމަތިވެދާނޭ ނުރައްކާތަކުން ސަލާމަތްވާން ލިބޭ ހިތްވަރަކާއި ބާރެއް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން މިއީ ކުދި ރަށްތަކުގައި ކުރާ ދަނޑުވެރިކަން ވެސް ބައިނަލްއަގުވާމީ ފެންވަރަށް ގެނެވިދާނެކަން ސާބިތުކޮށްދޭ ފުރިހަމަ ނިޒާމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާ ލެއްވީ ދަނޑުވެރިންނަށް ހިންގެވި މި ވަރކްޝޮޕްގެ ހަގީގީ މޭވާގެ ރަހަ ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. މި ވޯކްޝިޕްގެ އަމަލީބައި ކުރިއަށް ގެންދާނީ އއ.ތޮއްޑޫގައެވެ.






