މާލޭސިޓީގެ މިހާރުގެ މޭޔަރ އާދަމް އާޒިމް އެމްޑީޕީގެ އާންމު މެންބަރުންނަށް ހުތުރު މަލާމާތް ކޮށްފި ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (ސައްޕެ) ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވެފައިވަނީ އާޒިމް އެމްޑީޕީއަށް ވަޑައިގެންނެވީ މީގެ ދެ އަހަރު ކުރިން ކަމަށާއި އާޒިމްގެ ބޭނުމަކީ ޓިކެޓު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
”ޓިއްގެ ބޭނުމުގައި މީގެ 2 އަހަރެއްހާ ދުވަސްކުރިން އެމްޑީޕީ އަށް އައިސް ފުންމާލި މީހަކު މިޒާތުގެ ވިޔާނުދާ ހުތުރު ވާހަކަ ދެއްކީމަ އެއްޗެކޭ ނުބުނެ ހުންނަން އުނދަގޫވެއްޖެ،“ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
”އެމްޑީޕީގެ ބާރާއި ހަކަތަ އާދަމް އާޒިމަށް ވަޒަންކޮށްލަންވެސް ނޭގުނީތީ ހިތާމަކުރަން! އެމްޑީޕީ ޓިކެޓްގަ ނެރެގެން އެމްޑީޕީގެ ހިއްވަރު ގަދަ މެންބަރުން ގެ ބުރަމަސައްކަތުން މޭޔަރު ކަމަށް ހޮވީމަ އެމްޑީޕީއާއި އެމްޑީޕީ މެންބަރުންނަށް ތިޔަކުރި ހުތުރު މަލާމާތުގެ ނަތީޖާ ހިތިވާނެކަން ދަނީ ފެންނަމުން،“ ސައްޕެ ވިދާޅުވެފައިވެއެވެ.
އާޒިމް ވިދާޅުވެފައިވަނީ އެމްޑީޕީއަށް 2023 ވަނައަހަރުގެ ރިޔާސީން އިންތިޚާބުން ބޮޑު ނާކާމިޔާބީއެއް ލިބުމުން އެންމެން ގެއަށްވަދެ ރަޖާ ދަށަށް ވަދެތިބީ ކަމަށެވެ. އެހާލަތުގައި މޭޔަރު ކަމަށް ނިކުންނަވައި އެމްޑީޕީއަށް މޭޔަރު ކަމުގެ ގޮނޑި ހޯދައިދެއްވީ އާޒިމް ކަމަށް ވަނީ ވިދާޅުވެފައެވެ.






