އެއްދުވަސް ވަންދެން ދިވެހި ގައުމީދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިއީ ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ. އެހެން ކަމުން މިއަދު މެންދުރު 12:00އިން ފެށިގެން މާދަމާ މެންދުރު 12:00ގެ ނިޔަލަށް ދިވެހި ދިދަ ހުންނާނީ ބައިދަނޑިއަށް ތިރިކޮށްފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖެއާއި ޤަޠަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ، ޤަޠަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުގެ ގޮތުންނެވެ.
އެމަނިކުފާނު ފަސްދާނުލާފައި ވަނީ 12 ޖުލައި 2026 ވީ އާދީއްތަދުވަހު ރަސްމީ ޢިއްޒަތުގައެވެ. އަދި އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ޤަޠަރުގައި ބާއްވާ ރަސްމީ ހިތާމަ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެގައުމަށް މިއަދު ހެނދުނު ވަނީ ފުރާވަޑައިގަންނަވައިފައެވެ.





