ދިވެހި|English 16 ޖުލައި 2026 · 00:36
Top banner
Advertisement
"ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރައީސް އިފްތިތާހު ކޮށްދެއްވައިފި
ޚަބަރު

"ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރައީސް އިފްތިތާހު ކޮށްދެއްވައިފި

"ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރައީސް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް15 ޖުލައި 2026

އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ "ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ބަރސެލޯ ނަސަންދުރާގައި މިއަދު ހެނދުނު އޮތް "ޔޫތު އޮންޓްރަޕްރަނަރސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު އިފްތިތާޙްކޮށްދެއްވި "ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ފެސިލިޓީ އަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރެއްވި ފައިނޭންސިންގ ފެސިލިޓީއެކެވެ.

މި ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ ނެގޭ ގޮތަށް ހުޅުވާލެއްވި ފުރުސަތެކެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭ މި ފެސިލިޓީއަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެކެވެ.

މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބީ.އެމް.އެލުން އަލަށް ޚިދުމަތްދޭން ފެށި 7 ބްރާންޗް، ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ބްރާންޗްތައް ގާއިމުކޮށްފައި ވަނީ، ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި، އަދި ލ. މާވަށުގައެވެ. މިއާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މި ވަނީ، ރާއްޖޭގެ 20 އަތޮޅުގައި، ޖުމްލަ 55 ބްރާންޗުން އެ ބޭންކުގެ ޚިދުމަތް ދޭން ފަށާފައެވެ. މީގެ ތެރޭގައި މިދިޔަ ދެއަހަރުތެރޭގައި ހުޅުވި 17 ބްރާންޗް ހިމެނެއެވެ. ކޮންމެ ރައްޔިތަކާ ވީހާވެސް ގާތުން، ބޭންކިންގ ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައެވެ.

ހަމަމިއާއެކު، ސައްތައިންސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާ "ސްވައިޕް" މެދުވެރިކޮށް، ބައިނަލްއަޤުވާމީ އެކައުންޓްތައް ހުޅުވުމުގެ ފުރުޞަތުވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. މި ޚިދުމަތް ތަޢާރަފުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަން އަޙްމަދު ޢަލީ ޙަބީބެވެ. މި ޚިދުމަތާއެކު އެމެރިކާ ޑޮލަރު، ޕައުންޑް އަދި ޔޫރޯ އެކައުންޓްތައް ހުޅުވުމުގެ ފުރުޞަތު ވަނީ ތަނަވަސްވެފައެވެ.

ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމާއެކު އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ ޚާއްޞަ އިސްކަމެއް ދެއްވައިގެން މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީގެ) 15 އިންސައްތަ އަކީ "ޑިޖިޓަލް އިކޮނޮމީ" ނުވަތަ ޑިޖިޓަލް އިޤްތިޞާދުގެ ތެރެއިން ލިބޭ އާމްދަނީއަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށާއި، މި އަމާޒު ޙާޞިލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ޒުވާނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

-ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ރައީސް ޑރ. މުހައްދު މުއިއްޒު

ގުޅުންހުރި ޚަބަރު