ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ހެޔޮކަމެއްކޮށްދީފައިވާނަމަ އެކަމެއް ކޮށްދީފައިވާނީ އެމްޑީޕީން ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕަސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އެމްޑީއެމްޑީޕީއަކީ އަބަދުވެސް ގައުމާއި ރައްޔިތުންނަށް ހެޔޮބަދަލުތަކެއް ގެންނަން ވަކާލާތުކޮށް އަދި އެކަންކަން އަމަލީގޮތުން ކުރަމުންދާ ޕާޓީ ކަމަށެވެ. "މިރާއްޖެއަށާއި ރައްޔިތުންނަށް ނިޒާމުގެ ތެރެއިން މިހާތަނަށް ލިބުނު ހެވެއް ވިއްޔާ އެއީ އެމްޑީޕީ ތެރެއިން ކޮށްފައި ހުރިކަމެއް. ދެން މިފެންނަނީ އެފިކުރުން ބޭރު ޚުދުމުޚުތާރު ވިސްނުމެއްގެ ތެރެއިން އަންނަ ކަންކަން،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ވަރަށްސާފުކޮށް ފެންނަމުންދަނީ ޚުދުމުޚުތާރު ވެރިކަމެއްގެ ތެރެއިން ކަންކަން ގޯސްކޮށްދާތަން ކަމަށެވެ. މިވެރިކަމުގައި މިކަން މިހެން ފެނުނަސް "އަޅުގަނޑުމެން ދަޢުވާކުރާ ޑިމޮކްރަޓިކް ވެރިކަމަކުން ރައްޔިތުންނަށް ކަންކަން ރަނގަޅު ކުރުމަށް ޖާގަ ލިބޭ،" ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ކުރިމަގާއި ދަރިންގެދަރީންގެ މުސްތަގުބަލަށްޓަކައި އެމްޑީޕީ ވަރުގަދަކޮށް އޮތުންވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވާ މީހުންވެސް އެކަމަށް އުންމީދުކުރޭ، އެމްޑީޕީއަށް ކަންކަން ރަނގަޅު ކުރެވޭނޭކަން. އެމީހުންނަށް އެނގޭ އެމްޑީޕީ ވަރުގަދަކޮށް އޮވެއްޖެނަމަ ކަންކަން ރަނގަޅުކޮށް ރައްޔިތުންނަށް ފައިދާހުރި އެތައްކަމެއް ކުރާނޭ ކަމުގެ ވިސްނުމާއި ފިކުރާއި އެ ގާބިލިއްތުކަން އެމްޑީޕީގައި ހުންނާނޭކަން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކަންކަންވެސް މިހާރުވަނީ ހަމަޖެހިފައި ކަމަށެވެ. އެކަން އެހެން އޮތުމުން ރައްޔިތުންނަށްވަނީ އުންމީދެއް ލިބިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޚާއްސަކޮށް ޒުވާންޖީލުތަކަށް މިކަން ކަށަވަރު ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ މިކަންކަން މިހެން ހުރުމާއެކު ރާއްޖެއަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރާނީ ބޮޑު ބަދަލުގެ ތެރެއިން ކަމަށް ވެސް ވިދާޅުވިއެވެ.





