އީރާނުގެ ހައްގުތައް ދިފާއު ކުރުމުގެ ގާބިލްކަން އީރާނުގެ އަތުގައި އެބަހުރި ކަމަށް ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯފް މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެސްކޯފް ވިދާޅުވީ އީރާނަކީ މިނިވަން ގައުމެއް ކަމަށާއި އެ ގައުމުގެ ހައްގުތައް ދިފާއު ކުރާނޭ ކަމަށެވެ.
އޭނާ ވިދާޅުވީ ޔޫކްރެއިންގެ އަމަލުތަކަކީ ހަރުކަށި ފިޔަވަޅުތަކެއް ކަމަށާއި ކިއޭވްގެ ސަރުކާރުން އެކި ގައުމުތަކަށް އަމާޒުކޮށް ހަމަލާދޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ޔޫކްރެއިނުން ދަނީ އެކި ގައުމުތަކަށް ހަމަލާ ދެމުން. މީގެ ކުރިން ޔޫކްރެއިން އިން ވަނީ ޖަރުމަނަށް ހަމަލާ ދީފައި. މިހާރު އެ ގައުމުން ވަނީ އީރާނަށް ހަމަލާދީ އީރާނުގެ ބޯޓަކަށް ގެއްލުންދީފައި،" އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ ރައީސްގެ ރިޔާސީގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ވިދާޅުވީ ޔޫކްރެއިނުން ވަނީ ޑްރޯން ހަމަލާތައް ކެސްޕިއަން ޕައިޕްލައިން ކޮންސޯޓިއަމްގެ ފެސިލިޓީތަކާއި ޓާމިނަލްތަކަށް ދީފައި ކަމަށެވެ. ކަޒަކިސްތާނަކީ ތެޔޮ ޕައިޕްލައިން ކޮންސޯޓިއަމްގެ ޖޮއިންޓް މައިގައުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕެސްކޯފް ވިދާޅުވީ އީރާނުގެ އުޅަނދަށް ޔޫކްރެއިން ދިން ހަމަލާއަކީ ކިއޭވްގެ އިތުރު ހަމަލާއެއް ކަމަށާއި އެއީ ހަނގުރާމައިގެ ޖިއޮގްރަފިކަލް ސްކޯޕް ފުޅާ ކުރުމުގެ ހެއްކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ އުޅަނދަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާއެއް ދިނިމުން އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ މި ހަމަލާ ރަމްޒުކޮށްދެނީ ޔޫކްރެއިންއިން އީރާނާ މެދު ދެކޮޅުވެރިކަން އޮތް މިންވަރު ކަމަށެވެ.
އަދި މި ހަމަލާއަކީ އދ.ގެ ޗާޓަރުގެ ދެވަނަ މާއްދާގެ (4) އާ ހިލާފު އަމަލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.





