އީރާނުގެ ހައްގުތަކާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރިހާ ވަސީލަތެއް ބޭނުން ކުރާނޭ ކަމަށް އެގައުމުން ބުނެފިއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިހެން ވިދާޅުވެފައިވަނީ އެމެރިކާއާއި އިސްރާއީލުން ކޮންމެ ވަގުތެއްގައި ވެސް އެގައުމަށް ވަރުގަދަ ހަމަލާއެއް ދީފާނޭ ކަމުގެ ބިރު ހީވެފައި ވަގުތެއްގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައިވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ އެ ހަމަލާތައް ދިނުން ފަސްކޮށްފިކަން އިއުލާން ކުރައްވާފައެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ގައުމާއި އިސްތިޤްލާލު ދިފާޢު ކުރުމުގައި އެގައުމުގެ ހިތްވަރުގަދަ ސިފައިން މިހާރުވެސް ގެންދަނީ ފަޚުރުވެރިވާފަދަ ވަރުގަދަ ހަމަލާތަކެއް އެމެރިކާއަށް ދެމުން ކަމަށެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ ދުޝްމަނުންގެ ވަސް ފޮހެލެވެންދެން އީރާނުގެ ފަޚުވެރި ސިފައިން ހިތްވަރު ކުރަމުން ގެންދާނޭ ކަމަށެވެ.
އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުމާ ޚިލާފުވެ އީރާނުގެ އެކިތަންތަނަށް ހަމަލާ ދެމުންނެވެ. އެގޮތުން ބަނދަރުތަކާއި ވިޔަފާރި އުޅަނދުފަހަރާއި އީރާނުގެ އެކި ސަރަހައްދުތަކަށް ގެންދަނީ އަނިޔާވެރި ހަމަލާތަކެއް ދެމުންނެވެ. އޭގެ އިތުރުން އިގުތިސާދީ ފިއްތުންތައް އިތުރުކޮށް، އިންޒާރުދީ ބިރުދެއްކުމުގެ އަމަލުތައް ވެސް އެމެރިކާއިން ގެންދަނީ ކުރަމުންނެވެ. މި ހަމަލާތަކާ ގުޅިގެން އީރާނުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ދުޝްމަނުންގެ ކުރިމަތީގައި ކުޑަކަކޫ ޖެހުން އެއީ ނެތްގޮތެއް ކަމަށެވެ.
އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާއިން ގެންދަނީ އދ.ގެ ބައެއް ޗާޓަރުތަކާ ވެސް ޚިލާފުވަމުން ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެހެންކަމުން އެމެރިކާއާ ކުރިމަތި ލުމުގައި ޤާނޫނީ ގޮތުން އީރާނަށް ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކުރާނޭ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.





