އީރާނުގެ ހިތްވަރާއި އަޒުމް ބަލިކޮށްލުމަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން ގުޅިގެން ކުރި މަސައްކަތްތައް ނާކާމިޔާބު ވެއްޖެ ކަމަށް އައި.އާރު.ޖީ.ސީ ގެ ނާއިބު ކޮމާންޑަރ-އިން-ޗީފް، ބްރިގޭޑިއަރ ޖެނެރަލް މުސްތަފާ އިޒާދީ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އީރާން ބަލިކަށިކުރުމަށް ހަނގުރާމައާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، އަދި އެތެރޭގައި ހަމަނުޖެހުންތައް ހިންގަން ދުޝްމަނުން ގަދައަށް މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް އެކަމުން އީރާނުގެ ރައްޔިތުންގެ އަޒުމް ފުނޑުފުނޑުކޮށްލެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެނެރަލް މުސްތަފާ އިޒާދީ މިހެން ވިދާޅުވީ އީރާނުގެ އުތުރުގައި އޮންނަ ގޮލެސްތާން ޕްރޮވިންސްގެ ޝަހީދުންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވިގޮތުގައި އިސްލާމީ އިންޤިލާބުން ވަނީ އިގުތިޞާދީ ހުރަސްތަކާއި މީޑިއާގެ ކެމްޕޭންތަކާ ކުރިމަތިލައިފައެވެ. މިކަންކަމަށް އީރާނުގެ ސަރުކާރުން ކެތްތެރިކަމާއެކު މިކަންކަމާ ކުރިމަތިލީ އާންމުންގެ ތާއީދާއެކުގައި ކަމަށެވެ.
އިޒާދީ ވިދާޅުވިގޮތުގައި، ދުޝްމަނުން މަސައްކަތްކޮށްފައިވަނީ އީރާނު ބައިބައިކޮށްލުމަށާއި، ވެރިކަމުގެ ނިޒާމު ފުނޑުފުނޑު ކޮށްލަން ކަމަށެވެ. މީގެ އިތުރުން އެގައުމުގެ ނިއުކްލިއަރ ގާބިލުކަން ނައްތާލުމާއި، މިސައިލް ނިޒާމް ސުންނާފަތިކޮށްލުމަކީ ވެސް ދުޝްމަނުން ކުރަން ބޭނުންވާ ކަންކަން ކަމަށް ވިދާޅުވިއެވެ. މިއިން އެއްވެސް ކަމެއް ދުޝްމަނުންނަށް ކާމިޔާބު ނުވިކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނަށް ކުރިމަތިކުރުވި ފަހުގެ ހަނގުރާމަ ސިފަކުރައްވަމުން އޭނާ ވިދާޅުވީ، އެއީ އީމާންތެރިކަމާއި ހައްގާއި ބާތިލާ ދެމެދު ހިނގި ތާރީޚީ ކުރިމަތިލުމެއް ކަމަށެވެ.
އިޒާދީ ވިދާޅުވީ ނިއުކްލިއަރ އަދި އިންސާނީ ހައްގުތަކުގެ މައްސަލަތަކަކީ އިސްލާމީ އިންގިލާބު ކުރިއަށްދިޔަ ނުދިނުމަށް އީރާނުގެ ދުޝްމަނުން ބޭނުންކުރި ބަހަނާތަކެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އަސްކަރީ އަދި އިގުތިޞާދީ ފިއްތުންތަކަށް ރައްޔިތުންގެ އަޒުމް ބަލިކޮށްލެވިފައިނުވާ ކަމަށާއި، ބާރުގަދަ ދުޝްމަނުންނާ ދެކޮޅަށް ކޮށްފައިވާ ހަނގުރާމައިގެ މިސާލެއްގެ ގޮތުން ގޮލެސްތާން ޕްރޮވިންސްގެ ރައްޔިތުން ފާހަގަކުރެއްވިއެވެ.
އައި.އާރު.ޖީ.ސީގެ ނާއިބު ކޮމާންޑަރު ވަނީ އެ ޕްރޮވިންސްގެ ސަގާފީ އަދި ދީނީ ތަފާތުކަން ފާހަގަކުރައްވައި، ޝީޢީންނާއި ސުންނީން ސުލްހަވެރިކަމާއެކު އެކުގައި އުޅުމަކީ އެއްބައިވަންތަކަމުގެ ނިޝާނެއް ކަމަށް ސިފަކުރައްވާފައެވެ. ސުންނީ 600 އަށްވުރެ ގިނަ ޝަހީދުންނާއި ޤުރުބާންވި އެތައް ހާސް ރައްޔިތުންގެ ލެއިން ރަމްޒު ކޮށްދެނީ އެ ޕްރޮވިންސްގެ އެއްބައިވަންތަކަން ކަމުގައި އޭނާ ވިދާޅުވިއެވެ.





