ދިވެހި|English 5 އޮގަސްޓު 2026 · 08:57
Top banner
Advertisement
ދިވެހި އަސްކަރީ އެވޭލާ ތާރީޚު-7
ރިޕޯޓް

ދިވެހި އަސްކަރީ އެވޭލާ ތާރީޚު-7

ޢޢަބްދުﷲ ސަޢީދު5 އޮގަސްޓު 2026

ދިވެހި ލަޝްކަރުގައި ކުރިން އޮތް ކަނޑުގެ ލަޝްކަރު

ދިވެހިރާއްޖެ ދިފާޢުކޮށް ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ދިފާޢުގައި ހަނގުރާމަކުރުމަށް ކަނޑުމަތީގެ ވަރުގަދަ ލަޝްކަރެއް ކުރީ ޒަމާނުގައި ރާއްޖޭގައި އޮތެވެ. ތާރީޚުން ފެންނަން އޮތް އެންމެ ދުރު ހިސާބުގެ ވާހަކަތަކުން ވެސް މިކަން އެނގެއެވެ. ދިވެހިރާއްޖެއަކީ ކަނޑުގެ ޤައުމަކަށްވެފައި، ދިވެހީންނަކީ ކަނޑުގެ ދަރީންނަށް ވުމުން އަދި ދިވެހި ލަޝްކަރުން މިނިވަންކަމުގެ ދިގު ތާރީޚެއް ދަމަހައްޓާފައިވުމުން މި ޖަޒީރާތައް ހިމާޔަތްކުރުމަށް ކަނޑުގެ ވަރުގަދަ ލަޝްކަރެއް ނެތި ނުދާނެއެވެ. ދިވެހީންނަކީ ކަނޑުވެރިކަމަށް އަރާތިބި ބައެކެވެ. ކަނޑުދަތުރުފަތުރު ކުރުމުގެ ޢިލްމާއި އެކަމުގެ ހުނަރާއި އޮޑިދޯނިފަހަރު ބަނުމުގެ ހުނަރާއި ފަންނުގައި ކުރިއަރާ ތިބި ބައެކެވެ.

މީލާދުން 12 ވަނަ ޤަރުނުގައި ދެކުނު އިންޑިއާގެ ބޮޑު ސަރަހައްދަކާއި ސްރީލަންކާ ހިފައި، އަސޭކަރައާ ހަމައަށް އެބައެއްގެ ބާރު ހިންގާފައިވާ ޗޯޅާއިން ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޭރު އޮތް ދެ އަތޮޅު ހިފީ ކަނޑުމަތީގެ ހަނގުރާމައެއްގައި ދިވެހި ލަޝްކަރު ބަލިކޮށްފައެވެ. އަދި ފަހުން ޗޯޅާއިންގެ ބާރުގަދަ ކަނޑުގެ ލަޝްކަރު ބަލިކޮށް، އެ ދެ އަތޮޅު މިނިވަންކުރީ ވެސް ދިވެހި އަސްކަރީ އަރުމާދުން ކުރި ކަނޑުމަތީގެ ހަނގުރާމައަކުން ކަމަށް ބެލެވެއެވެ. ޗޯޅާއިންނަކީ އޭރު މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ކަނޑުމަތީގެ ބާރެވެ. މި ވަރުގަދަ ބާރުން ރާއްޖެ ހިފުމަށް ކަނޑުގެ ލަޝްކަރެއް ޗޯޅާ ރަސްގެފާނު ރާޖަރާޖަ 1 (985-1014) ރަސްކަމުގައި ފޮނުވިކަމަށް ޗޯޅާއިންގެ ފަތްފުށްތަކުގައި ވެއެވެ. ތާރީޚުތަކަށް ބަލާއިރު އެ މީހުންނަށް ރާއްޖޭން ހިފުނީ އޭރު ރާއްޖޭގެ އެންމެ އުތުރުގައި އޮތް މަލިކު އަތޮޅާއި ތިލަދުންމައްޗެވެ. އެއީ ޗޯޅާއިންގެ ރާޖަރާޖަ (1ވަނަ) (985-1014) އަށްފަހު އޭނާގެ ދަރިކަލުން ރާޖެންދުރާ1 (1014–1044) ރަސްކަމުގައި ކަމަށް ބެލެވެއެވެ.

ޗޯޅާއިންގެ އަތްދަށަށް ގޮސްފައިވާ ދިވެހިރާއްޖޭގެ ދެ އަތޮޅު މިނިވަންކޮށްދެއްވި ކަމަށް ބެލެވެނީ 1136 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްގެފާނު ސިރީ މަހާބަރަނަ މަހާރަދުން (1121-1142) ގެ ރަސްކަމުގައެވެ. އެ ހަނގުރާމައަށްފަހު "ސާދަ އަތޮޅާއި ދެހާސް ޖަޒީރާގެ ރަސްގެފާނު" ގެ ލަގަބުފުޅު އެ ރަދުންނަށް އެރުވުނެވެ. މި ރަދުންނަކީ ދިވެހިރާއްޖޭގައި ބުދު ދީނަށް އެންމެ ފަހުން ރަސްކަން ކުރެއްވި ރަދުންނެވެ.

މީލާދީން 12 ވަނަ ޤަރުނުގައި ލިޔެފައިވާ އިސްދޫ ލޯމާފާނު (1195/1196) އިން އޭރު ދިވެހިރާއްޖޭގައި ކަނޑުގެ ލަޝްކަރެއް އޮތްކަން އެނގެއެވެ. އެ ލޯމާފާނުގައި ދިވެހި އަސްކަރިއްޔާގެ ކަނޑުގެ އަރުމާޒުގެ ވެރިޔާގެ ނަން އޮތުމުންނެވެ. އެއީ "ވަލަނާއިކަ" (ފަހުން ވެލާނާ) ކަމެވެ. ދިވެހި ލަޝްކަރުގެ ކަނޑުގެ ބާރުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ ބޭރާ ބެހޭ ވަޒީރުކަމުގައި ހުންނެވީ "ސަތިސިރު ޕާޓިކަ" ކިޔާ ބޭފުޅެކެވެ. އެކި ދުވަސްވަރު އެކިވަރަށް އަދި އެކި ގޮތަށް އޮތް ކަނޑުގެ ބާރު ބިނާވެފައި އޮތީ ކަނޑުމަތީގެ ބޮޑު އަރުމާދު (އަރުމާޒު) އެއްގެ މައްޗަށެވެ.

"އަރުމާދު" ނުވަތަ "އަރުމާޒު" މި ލަފުޒަކީ އިންޑިއާ ކަނޑަށް ޕޯޗްގީޒުން އައިފަހުން ޕޯޗުގީޒުބަހުން ދިވެހި ބަހަށް އައިސްފައިވާ ލަފުޒެވެ. ލަފުޒުގެ އަސްލަކީ ޕޯޗުގީޒު ބަހާއި ސްޕެނިޝް ބަހުން ކިޔާ "Armada" (އާމާޑާ) އެވެ. ޕޯޗުގީޒު ބަހުގައި އާމާޑާގެ މާނައަކީ ހަނގުރާމަމަތީ އުޅަނދުފަހަރުގެ ބޮޑު ލަޝްކަރު ނުވަތަ އިނގިރޭސިބަހުން ކިޔާ ނޭވަލް ފްލީޓެވެ. "އާމާޑާ" މި ލަފުޒު ދިވެހި ބަހުގެ އަޑުތަކަށް ފައްތައިގެން ހެދިފައިވާ ލަފުޒަކީ އަރުމާދެވެ. ނުވަތަ އަރުމާޒެވެ. މި ލަފުޒު ތަޢާރަފުވުމުން ދިވެހީން ޒަމާނުއްސުރެ ކަނޑުމަތީގެ އުޅަނދުތަކުގެ ފުލީޓަށް ކީ ނަން މިވަނީ ދިވެހި ލަފުޒުތަކުގެ ތެރެއިން ގެއްލިފައެވެ.

އަރުމާދު ކިޔަނީ ހަނގުރާމަކުރާ ކަނޑުގެ ލަޝްކަރަށް ކަމަށް ވިޔަސް، ދިވެހި ބަހަށް މި ލަފުޒު ތަޢާރަފުވެ، ދުވަސްތައް ފާއިތު ވީއިރު އޭގެ މާނަ ވަނީ ފުޅާވެފައެވެ. މިގޮތުން އެކެއްގެ ކޮމާންޑްކަމުގެ ދަށުގައި ބަޔަކާ ދެކޮޅަށް ނުވަތަ ހަނގުރާމައަކަށް އެއް އުޅަނދަށްވުރެ ގިނަ އުޅަނދުތައް ހިމެނިގެން ކުރާ ދަތުރުތަކަށާއި، ޤައުމެއްގެ އެންމެ އިސް ވެރިޔަކު ވަޑައިގަންނަވާ އުޅަނދާއި އެ އުޅަނދާއެކު އެ އުޅަނދުގެ ހިމާޔާތުގައިދާ އުޅަނދު ފަހަރާ އެކު އެއީ ވެސް އަރުމާދެކެވެ. މިސާލަކަށް މަޝްހޫރު އަދީބު ބަނޑޭރި ޙަސަން މަނިކުފާނު ލިޔުއްވި ތާރީޚީ ރައިވަރު ފޮތް، "އަރިއަތޮޅު އަރުމާދު" އަކީ އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލް އަރިއަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ވާހަކަ ހިމެނޭ ދަތުރުނާމާއެކެވެ.

ފެންނަން ހުރި ލިޔުންތަކުގައި ދިވެހި އަރުމާދު ނުވަތަ ކުރީގައި އޮތް ނޭވަލް ފްލީޓުގައި 10 ގުރާބު ނުވަތަ ޝިޕް އޮތެވެ. އަދި ބައެއް ދުވަސްވަރު 14 ވަރަކަށް ގުރާބު އޮތް ކަމަށް ވެސް ބުނެވެއެވެ. މީގެ ތެރެއިން ނަން އެނގޭ ގުރާބުތަކަކީ ބޮޑު ގުރާބު، ބޮޑު ހިއްތަންގުރާބު، ކުޑަ ހިއްތަންގުރާބު، އިސްވަރު ގުރާވު، މާލޭ ގުރާބު، ކެލާ ގުރާބު، ކިހާދޫ ގުރާބު، ބޮޑު ބަނޑުއޮޑި، ކުޑަ ބަނޑުއޮޑި އަދި ބޮޑު އޮޑި އެވެ.

މި ހުރިހާ އުޅަނދުތަކެއްގައި ވެސް އުޅެނީ ކަލާސީންނެވެ. ބޮޑު ގުރާބުގައި 33 ކަލާސީންނެވެ. ބޮޑު ހިއްތަން ގުރާބުގައި 22 ކަލާސީންނެވެ. ދެން އެހެން ހުރި ކޮންމެ ގުރާބަކާއި އޮޑިއެއްގައި 11 ކަލާސީންނެވެ. އެހެންކަމުން ދިވެހި ލަޝްކަރުގެ ކަނޑުގެ އަރުމާޒުގެ ފަޅުވެރިންގެ ގޮތުގައި އެކަނި ވެސް 143 ކަލާސީން އުޅުނެވެ. މީގެއިތުރުން ކޮންމެ ގުރާބަކާއި އޮޑިއެއްގައި ދަންޑެހެލަކާއި ކުޑަ ދަންޑެހެލެއް ހުރެއެވެ. ދަންޑެހެލުންނަކީ އުޅަނދުގެ ކެޕްޓަނުންނެވެ. ނުވަތަ ކަލާސީންގެ ވެރިޔާއެވެ. އޭނާގެ ދަށުން ހުންނަ އަމުރުވެރިޔަކީ ކުޑަ ދަންޑެހެލެވެ.

ދިވެހި ލަޝްކަރުގެ އޮނިގަނޑު ތަރުތީބުވެފައި ފަހުން އޮތް ގޮތުން މުޅި އަރުމާދުގެ ވެރިޔަކީ ރަނަހަމާންތި ބޭކަލެކެވެ. މިއީ މިހާރުގެ ގޮތުންނަމަ "ވައިސް އެޑްމިރަލް" ގެ ދަރަޖައިގައި ހުންނަވާ ކޮއްޔެއް ލައްވާފައިވާ ބޭކަލެކެވެ. މިއީ އަރުމާދުގެ މައްޗަށް އަމުރުކުރައްވައި މި ހުރިހާ ގުރާބުތަކަކާއި އޮޑިފަހަރު އަބަދާއި އަބަދަށް ހަނގުރާމައަށް ތައްޔާރުކުރައްވައި ބަލަހައްޓަވާ ވެރިޔާއެވެ. ރަނަހަމާންތި ބޭކަލެއްގެ މައްޗަށް އަމުރު ކުރައްވަނީ ވެލާނާ ވަޒީރެވެ. މިއީ ރަސްކަމުގެ އިސް މަޖިލިސް މެންބަރެކެވެ. އެންމެ މުސްކުޅި ބަހުން ދަންނަވާނަމަ ފުރަދާނަ މަޤާމުތަކުގެ ތެރޭގައި ހިމެނޭ މަޤާމެކެވެ. ވެލާނާ ވަޒީރުގެ މައްޗަށް ހުންނަވަނީ ކީރިތި މަހާރަދުންނެވެ. ދިވެހި އަރުމާދުގައި ހިމެނެނީ ހަމައެކަނި ހަނގުރާމަމަތީ އުޅަނދުތަކެވެ. ސަރުކާރުގެ އެހެނިހެން ބޭނުންތަކުގައި ގެންގުޅުއްވާ ނައުޒޯގުފަހަރެއް އަރުމާދުގެ ތެރޭގައެއް ނުހިމެނެއެވެ. އެންމެ ކުރީ ޒަމާނުއް ފެށިގެން ކީރިތި މަހާދުން ނުވަތަ މަހާރަދުން ފޮނުއްވެވީމާ ބަދަލުގައި ރާއްޖެތެރެއަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ކުރައްވާ ރަސްމީ ދަތުރުފުޅު ކުރައްވާނީ އަރުމާދުގައެވެ. އަރުމާޒު ހައްދަވައިގެން އަތޮޅުތެރެއަށް އެންމެ ފަހުން ދަތުރެއް ކުރެއްވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (1835-1882) އެވެ. އެ ދަތުރަށް މާލެއިން ފުރާވަޑައިގެންނެވީ 27 ޛުލްޙިއްޖާ 1286 (30 މާރިޗު 1870) ގައެވެ. މި ދަތުރުފުޅުގައި އެ ރަދުންގެ ދަރިކަލުން އިބްރާހީމް ނޫރައްދީން (ފަހުން އައްސުލްޠާން އިބްރާހީމް ނޫރައްދީން) ވެސް ގެންދެވިއެވެ. މި ދަތުރުފުޅުގައި ރަދުން ވަޑައިގެންނެވި އަރުމާދުގެ އުޅަނދުގައި ދަތުރުކުރި މީހުންނަށް ދަރަޖައެއް ދެއްވިއެވެ. އެއީ "އުޅަނދުމަތި ބޭކަލެއް" ގެ ދަރަޖައެވެ. މި ދަރަޖަ ދެއްވީ އަތޮޅު ތެރެއިން މިގޮތަށް ދަތުރުފުޅުގައި ބައިވެރިވި މީހުންނެވެ. މި ދަރަޖައަކީ "އޮޅިމެދު" ކަމުގެ ދަރަޖައިގައި ނުހިމެނޭ ދައުލަތުގެ ސިޓީއަކުން ދެއްވާ ދަރަޖައެކެވެ. އޮޅިމެދު މީހުންނަކީ ހަނގުކަމާއި ވަރުހަނގުކަމާއި އަައްތާރަފަނިކަމާއި އަސްކަރުކަމާއި މިއިން ކަމަކު ހިމެނޭ މީހުންނެވެ. (ނުނިމޭ)

ގުޅުންހުރި ޚަބަރު