ދިވެހި|English 30 އޮކްޓޯބަރު 2026 · 21:05
Top banner
Advertisement
ޤައުމުދެކެ ލޯބިވުމަކީ ހަމައެކަނި ޤައުމުގެ ރަނގަޅުވާހަކަ ދެއްކުންތަ؟
ރިޕޯޓް

ޤައުމުދެކެ ލޯބިވުމަކީ ހަމައެކަނި ޤައުމުގެ ރަނގަޅުވާހަކަ ދެއްކުންތަ؟

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ30 އޮކްޓޯބަރު 2026

ޤައުމުދެކެ ލޯބިވުމުގެ މާނައަކީ ހަމައެކަނި ޤައުމާ ބެހޭގޮތުން ރަނގަޅު ވާހަކަ ދެއްކުމެއް ނޫނެވެ. އަދި، ރައްޔިތުންނަށް ފުރަގަސްދީ، ޤައުމީ ދިދައާ ވާހަކަ ދެއްކުމެއްވެސް ނުމެ ނޫންމެއެވެ. ބައެއްފަހަރު، ޤައުމުދެކެ ލޯބިވުމުގެ އެންމެ އީމާންތެރި ސިފައަކީ، މިއީ ކަމަށްވެސް ވެދާނެއެވެ. އާދެ، އެއީ ޤައުމުގައި ހުރި އުނިކަންތައްތަކަށް އިނގިލި ދިއްކުރުމެވެ. އަދި އެކަންތައްތައް ރަނގަޅު ނޫންކަމަށް ފާޅުގައި ބުނުމެވެ. މަގުތަކުގައި ހުރީ ބޮޑެތި ވަޅުގަނޑުތަކެވެ. ސަރުކާރުގެ ސިޔާސަތުތަކުގައި ދެކޮޅުޖެހޭ އެއްވެސް ކަމެއް ނެތެވެ. މިއަދު ހުށަހަޅާނެއެވެ. މާދަމާ ބަދަލުކުރާނެއެވެ. ވަޒީފާ ދިނުމުގައި ހަމައެއް ލަމައެއް ނެތެވެ. ކޮރަޕްޝަނާއި، ފަސާދައިގެ ހައްދެއް، ހުދޫދެއް ނެތެވެ. ދޮގުހެދުމާއި، އޮޅުވައިލުމުގައި، އިމެއް، މިނެއް ނެތެވެ. އެއް ބަޔަކު ރަނގަޅަށް ކައިގެން ތިބިއިރު، އަނެއް ބަޔަކު ތިބީ ކާނެ އެއްޗެއް ނެތި ބަނޑަށެވެ. ކޮންމެވެސް މީހަކަށް ނުޙައްޤުން އަނިޔާ ލިބެނީއެވެ. އެހެންވެއްޖެއްޔާ ސުވާލުކުރާށެވެ. ޤައުމެއް، އެ ޤައުމުގެ އުނިކަންތައްތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް ބިރުގަންނަނަމަ، އެ ޤައުމެއް ދުވަހަކުވެސް ބާރުވެރިއެއް ނުވާނެއެވެ. އެ ޤައުމަކުން އަބަދުވެސް އުޅޭނީ، އެ ޤައުމުގެ އުނިކަންތައްތައް ފޮރުވާށެވެ. އަދި ސުވާލު އަޑުއެހުމުގެ ކުރިން، އަހުރެމެން ބަލަނީ ސުވާލުކުރާ މީހާއަކީ ކާކުތޯއެވެ. ސަރުކާރާއި ސުވާލެއް ކޮށްފިނަމަ، އެއީ އެވެނި، މިވެނި ޕާޓީއެއްގެ މީހެކެވެ. މައްސަލައަކާ ބެހޭގޮތުން އެއްޗެއް ބުނެފިނަމަ، އެއީ ވަކި ފިކުރެއްގެ މީހެކެވެ. ސަރުކާރުގެ ސިޔާސަތަކަށް ފާޑެއް ކިޔައިފިނަމަ، އެއީ އިދިކޮޅު މީހުންގެ އެޖެންޑާއެވެ. ޔަޢުނީ މީހަކު ބުނާ އެއްޗެއް އަޑުއެހުމުގެ ކުރިން ބަލަނީ، ބުނާ މީހާއަކީ ކާކުތޯއެވެ. ބުނާ އެއްްޗެއްގެ ޖައުހަރަކަށް ބެލުމެއް ނެތެވެ.

އެކަމަކު އެއް ވާހަކައެއް ވަރަށް ސާފުކޮށް އެނގެން ޖެހެއެވެ. އެއްވެސް ސިޔާސީ ޕާޓީއަކީ މުޅި ޤައުމެއް ނޫނެވެ. ސިޔާސީ ޕާޓީތަކަކީ ޤާނޫނު އަސާސީއާއި، ޤާނޫނުތަކުގެ އިމުގެ ތެރޭގައި ޙަރަކާތްތެރިވާ ކިއާނުތަކެކެވެ. ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް އާދެވުމަކީ، އެބަޔަކަށް ޤައުމު ހިބައިން ލިބުން ކަމަށް ހީނުކުރާށެވެ. ޤައުމު ޙިމާޔަތް ކުރުމަކީ ވެރިކަންކުރާ ޕާޓީގެ ހަމައެކަނި ޙައްޤެއް ނޫނެވެ. އަދި ހަމައެކަނި އިދިކޮޅުޕާޓީގެ ޙައްޤެއްވެސް ނުމެ ނޫންމެއެވެ. އެއީ ހުރިހާ ރައްޔިތުންގެ ޙައްޤެކެވެ. ސިޔާސީ ޕާޓީތަކަށް ވުރެ، ޤައުމު ބޮޑުވާނެއެވެ. ސަރުކާރުތައް އަންނާނެއެވެ. ސަރުކާރުތައް ދާނެއެވެ. ސިޔާސީ ޕާޓީތައް ހަދާނެއެވެ. ސިޔާސީ ޕާޓީތައް ރޫޅޭނެއެވެ. އަދި ސިޔާސީ ޕާޓީތައް އުވޭނެއެވެ. އެކަމަކު މި ޤައުމު ދިރި ދެމި އޮންނަން ޖެހޭނެއެވެ. މި ޤައުމުގެ ޤާނޫނު އަސާސީ ނަގަހައްޓައި، ދަމަހައްޓަން ޖެހޭނެއެވެ. ވެރިކަންކުރާ ޕާޓީއަކުން ކުރާ ނޭއްގާނީ ޢަމަލަކަށް ފާޑުކިއުމަކީ، ޤައުމަށް ފާޑުކިއުމެއް ނޫނެވެ. ސަރުކާރާއި ސުވާލު ކުރުމަކީ، ޤައުމާއި ދެކޮޅުވުން ކަމުގައި ނުހަދާށެވެ. ވެރިކަންތައް ބަދަލުވާނެއެވެ. ޕާޓީތައްވެސް ބަދަލުވާނެއެވެ. އެކަމަކު، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރެވެން ޖެހޭނެއެވެ. އަހުރެންނާއި، ތިބާއާއި ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. އެއީ ޑިމޮކްރެސީއެވެ. ތިބާ ދައްކާ ވާހަކައާއި، އަހުރެން އިޚުތިލާފު ވުމަކީ، އަހުރެންނަށް ލިބިގެންވާ ޙައްޤެކެވެ. އަހުރެންގެ އިޙުސާސާއި، ޝުޢޫރުތައް ތަފާތުވެދާނެއެވެ. އެވެސް އަހުރެންނަށް ލިބިގެންވާ ޙައްޤެކެވެ. އާއެނކެވެ. އަހުރެންގެ ރަޢުޔު ގޯސްވެދާނެއެވެ. އަހުރެންގެ ރަޢުޔު ތިބާއާ ތަފާތުވުމަކީ، އެ ރަޢުޔު ހުށަހެޅުމަށް އަހުރެންނަށް ލިބިގެންވާ ޙައްޤުން މަޙުރޫމް ކުރެވޭނެ ކަމެއް ނޫނެވެ. އިޚުތިލާފު ވުމަކީވެސް ޤާނޫނު އަސާސީއިން ލިބިދޭ ޙައްޤެކެވެ. ވަކި ދީނަކަށް ތަބާވާކަމަށް ބުނާ ބަޔަކު ހިންގާ ލާއިންސާނީ ޢަމަލެއްގެ ވާހަކަ ދެއްކުމަކީ، ވަކި ދީނަކަށް ފާޑުކިއުމެއް ނޫނެވެ. އޮޅުވައިނުލާށެވެ. އެހެންކަމުން އެންމެ ފުރަތަމަ އަޑުއަހާށެވެ. ކުރިމަތީގައި ހުރި މީހާ ދައްކަނީ ކޮން ވާހަކައެއްތޯ ބަލާށެވެ. ފަހަރެއްގައި އެމީހާ ދައްކާ ވާހަކައަކީ ރަނގަޅުނޫން ވާހަކައެއް ކަމަށް ތިބާއަށް ހީވެދާނެއެވެ. އެވާހަކައާ އިއްތިފާޤުވާކަށް ނުޖެހެއެވެ. ރައްދުދޭށެވެ. ސުވާލުކުރާށެވެ. އެކަމަކު، ސުވާލުކުރާ ކޮންމެ މީހަކު، ވަކި ކޭމްޕަކަށް ނުލާށެވެ. ކޮންމެ ފާޑުކިއުމަކީ ވަކި ޕާޓީއެއްގެ އެޖެންޑާއެކޭ ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކޮންމެ އިޚުތިލާފަކީ ޤައުމަށް ޣައްދާރުވުމެއް ނޫނެވެ. ކޮންމެ ސަރުކާރެއް އޮތަސް، ސުވާލުކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެކެވެ. ޤައުމުދެކެ ލޯބިވުމުގެ މާނައަކީ ސަރުކާރަކުން ކުރާ ކޮންމެ ކަމަކާ އެއްކޮޅުވުމެއް ނޫނެވެ. ބައެއް ފަހަރު ޤައުމުގެ ޙައްޤުގައި، ވަކި ކަމެއް ނުވަތަ ވަކި ސިޔާސަތެއް ބަދަލުކުރުމަށް ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމަކީވެސް ޤައުމީ ވާޖިބެކެވެ. ސަރުކާރަށް ޖެހޭނީ ރައްޔިތުންގެ އަޑުއަހައި، އެފަދަ ކަންކަން ބަދަލުކުރާށެވެ. އެއާ އެއްވަރަށް މުހިންމު އަނެއް ނުގުތާއަކީ ޚިޔާލުތަފާތުވުމެވެ. އެހެންކަމުން ޚިޔާލުތަފާތުވާ ޙާލަތްތަކުގައި، އެވާހަކަ ދެއްކުމުގެ ފުރިހަމަ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީއިން ކޮންމެ ދިވެހިރައްޔިތަކަށް ލިބިދީފައިވާ ޙައްޤެކެވެ. އެއީ ޑިމޮކްރެސީއެވެ. ޤައުމަކީ ވަކި ޕާޓީއެއްގެ މުދާގަނޑެއް ނޫނެވެ. އަދި ވަކި ފިކުރެއްގެ ތަރިކައެއް ނޫނެވެ. ޤައުމަކީ އަހުރެމެން ހުރިހާ ރައްޔިތުންގެ ޙައްޤެކެވެ. ހަނދާން ކުރާށެވެ. ރައްޔިތުމީހާ ސުވާލެއް ކުރުމަކުން ޑިމޮކްރެސީ ބަލިކަށްޓެއް ނުވާނެއެވެ. ޑިމޮކްރެސީ ބަލިކަށިވަނީ ސުވާލުކުރުމުން ބިރުގަންނަ ސިޔާސީ ހައްޕުޑުންނާ ހެދިއެވެ.

ގުޅުންހުރި ޚަބަރު