މީސްތަކުންގެ ޙާލު އަހުވާލު ބެއްލެވުމަށް، އެ ވަޑައިގަންނަވަނީ މުސްލިމުންގެ ދެވަނަ ޚަލީފާ ހަޒުރަތު ޢުމަރުލް ފާރޫޤު رضي الله عنه އެވެ. ފަތިސް ނަމާދަށްފަހު، އެ ވަޑައިގަންނަވަނީ މަދީނާގެ މަގުތަކާއި، ގޯޅިތަކުން ގެއަކަށްފަހު ގެއަކަށް ވަދެވަޑައިގެން މީސްތަކުންގެ ޙާލު ބައްލަވަމުންނެވެ. ބާކީ ވަޑައިނުގެންނެވި އޮތީ މަދީނާގެ ދެ ގޯޅިއެވެ. މިއަދު އެ ދެ ގޯޅީގައި ހުރި ގެތަކަށް ޒިޔާރަތް ނުކުރައްވާ ފަހުން ވަޑައިގަންނަވާ ގޮތަށް، އެނބުރި ވަޑައިގަންނަވަނީއެވެ.
އެވަޑައިގަތް މަގުމަތީގައި އެކަލޭގެފާނަށް، މުސްކުޅި އަންހެނަކު އިން ޖިފުޓިއެއް ފެނިވަޑައިގަތެވެ. އެ އަންހެންމީހާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެނިވަޑައިގަތުމުން ހުއްޓިވަޑައިގެން ސަލާމް ގޮވައިލެއްވުމަށްފަހު، އެތެރެއަށް ވަދެވަޑައިގަތުމުގެ އިޒުނައަށް އެދި ވަޑައިގަތެވެ. އެވަގުތު އަންހެންމީހާ ގޮވައިލިއެވެ. "މިތަނުން ދާން އުޅޭށެވެ. އިޒުނަ ދޭންވީ ކީއްވެގެން ހެއްޔެވެ؟" ޢުމަރުގެފާނު ވިދާޅުވިއެވެ. "ދައިތަގެ ހެޔޮކަމުން އަޅުގަނޑަށް ވަނުމުގެ އިޒުނަދޭށެވެ. އާދޭސްކޮށްފައި ބުނަމެވެ." އެވަގުތު ދައިތަ އެކަލޭގެފާނަށް ވަނުމުގެ އިޒުނަ ދިނެވެ.
ޢުމަރުގެފާނު އެތެރެއަށް ވަދެވަޑައިގެން ދައިތައާއި ސުވާލު ކުރެއްވިއެވެ. "ދައިތަ ކަންބޮޑުވެގެން ތިޔަ އުޅެނީ ކޮންކަމަކާ ހެއްޔެވެ؟" އެ ވަގުތު ދައިތަ ބުންޏެވެ. "އަހުރެންގެ ފިރިމީހާ ވަނީ މަރުވެފައެވެ. އަހުރެންނަށް ﷲ ދަރިއަކު ނުދެއްވައެވެ. އަހުރެންނަކީ ބަލާނެ އެއްވެސް ވާލެއް ޔާރެއް ނެތް ނިކަމެތި ފަޤީރަކީމެވެ. އަހުރެން ކާއެއްޗެއް ނުކައި ބަނޑަށް ހުންނަތާ ތިންދުވަސް ވެއްޖެއެވެ. ދަރަންޏަށް ކާއެއްޗެހި ނަގާނަގާ 25 ދުވަހުގެ ދަރަނި އަހުރެންގެ ބޮލުގައި ވަނީ އެޅިފައެވެ. ޚަލީފާ ޢުމަރުލް ފާރޫގާއި މެދު އަހުރެންގެ ވަރަށް ބޮޑު ޝަކުވާއެއް އެބައޮތެވެ. އޭނާ އަހުރެންގެ ޙާލު އަހުވާލެއް ނުބައްލަވައެވެ. ޝަކުވާތައް ބައިވަރެވެ. އޭނާ މިގެއަކަށް ވަޑައެއް ނުގަންނަވައެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. "ދައިތަ އުޅެނީ ތިފަދަ ޙާލެއްގައި ކަމެއް ޢުމަރަކަށް އެނގިވަޑައެއް ނުގަންނަވައެވެ."
ދައިތަ ބުންޏެވެ. "ޢުމަރަކަށް އެނގިވަޑައެއް ނުގަންނަވައޭ! އެހެން ވެއްޖެއްޔާ ޢުމަރަށް ދަންނަވާށެވެ. ޚަލީފާކަން ދޫކޮށްލައްވާށެވެ. އަދި މީސްތަކުންގެ ޙާލުއަހުވާލު ބެއްލެވޭ ވަރުގެ މީހަކާ ޚަލީފާކަން ހަވާލުކުރައްވާށެވެ."
ހަޒުރަތު ސައްޔިދުނާ ނާފިޢު رضي الله عنه ވިދާޅުވިއެވެ. އެބޭކަލެއްގެ ނަންފުޅު އަޑުއިވުމުން ފާރިސްކަރައިގެ ވެރި ކިސްރާއާއި އަދި ރޫމްގެ ވެރި ގައިސަރު ބިރުން ތުރުތުރު އަޅުއްވާ، މުސްލިމުންގެ ދެވަނަ ޚަލީފާ ސައްޔިދުނާ ޢުމަރުލް ފާރޫޤު رضي الله عنه، އެ މުސްކުޅި ދައިތަގެ ކުރިމަތީގައި ބިރުފުޅުން ތުރުތުރު އަޅުއްވަނިކޮށް ތިމަން ދެކެވަޑައިގަތީމެވެ. އަދި ދުވެވަޑައިގެން ބައިތުލްމާލުން ކާބޯތަކެއްޗާއި، އެއަށް ބޭނުންވާނޭ އެހެން ސާމާނު، އަމިއްލަ ކޮނޑުފުޅުމަތީގައި ހިއްޕަވައިގެން އެނބުރި ވަޑައިގެން، ރޮށި ފިއްސަވައި އެ ދައިތައަށް ކާން ދެއްވިއެވެ. އަދި އެ ދައިތަގެ ދަރަނި ޚަލާސް ކުރެއްވުމަށްފަހު، ވިދާޅުވިއެވެ. "މިހުރީ އިތުރު 25 ދުވަހަށް ބޭނުންވާނޭ ކާބޯތަކެއްޗެވެ. ކުށެއް ކުރެވުނީއެވެ. ޢުމަރަށް މާފުކުރާށެވެ." ދައިތަ ބުންޏެވެ. "ޢުމަރަކަށް މާފެއް ނުކުރާނަމެވެ. އަހުރެން މަރުވުމަށްފަހު، އަހުރެންގެ މާތް ނަބިއްޔާ ﷺ އާ ބައްދަލުވާ ދުވަހަކުން ޢުމަރުގެ ޝަކުވާ ދަންނަވާނަމެވެ."
މުސްލިމުންގެ ދެވަނަ ޚަލީފާ އަމީރުލް މުއުމިނީން ސައްޔިދުނާ ޢުމަރުލް ފާރޫޤު رضي الله عنه، އެ މުސްކުޅި އަންހެންމީހާގެ ފައިދަށަށް ތިރިވެ ވަޑައިގެން ކީރިތި ކުރައްވަމުން ވިދާޅުވިއެވެ. "ޢުމަރަކީ ވަރަށް ބަލިކަށި މީހެކެވެ. މާތް ނަބިއްޔާ ﷺ އާ ކުރިމަތިލެއްވުމުގެ ހިތްވަރެއް ޢުމަރުގެ ކިބަޔަކު ނުހުންނާނެއެވެ. ޢުމަރަށް މާފުކޮށްދޭށެވެ. އަދި ޢުމަރުގެ ޝަކުވާ ނަބިއްޔާ ﷺ ގެ ކުރިފުޅުމައްޗަށް ހުށަނާޅާށެވެ." އެވަގުތު ދައިތަ ބުންޏެވެ. "އެންމެ ރަނގަޅެވެ. ކަލޭ ބުނީތީ އަހުރެން ޢުމަރަށް މާފުކޮށްފީމެވެ."
މިހުރިހާ ކަމެއް ހިނގައިދިޔައިރުވެސް، އެ ދައިތަކަށް އޭނާއާ އެ މުޢާމަލާތު ކުރައްވަނީ މުސްލިމުންގެ ދެވަނަ ޚަލީފާ، އަމީރުލް މުއުމިނީން ސައްޔިދުނާ ޢުމަރުލް ފާރޫޤު رضي الله عنه ކަމެއް، ނޭނގެއެވެ.





