ފަރުމަސް ވެރިކަމަށް ޚާއްސަކޮށްގެން ރާއްޖޭގައި އަޅާ ފުރަތަމަ އައިސްޕްލާންޓު އއ. އުކުޅަހުގައި އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓްލިމިޓެޑްގެ ފަރަތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިގްބާލެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އއ.އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައެވެ.
މިއީ 5 ޓަނުގެ އައިސްޕްލާންޓެކެވެ. މިއީ ފަރުމަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓް ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ކުރިއަށްއޮތް 5 މަސްދުވަސްތެރޭގައި މި މަސައްކަތް ނިންމައި ޕްލާންޓުން ޚިދުމަތްދޭން ފަށާނޭ ކަމަށް ވެސް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުން ކަމަށް ވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 9500 މެޓްރިކް ޓަނުން 25000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށް ވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.





