އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ތިލަފުށީ ކުނިމެނޭޖުކުރާ މަރުކަޒަށް ވަޑައިގެން އެތަނުގައި ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ބައްލަވައި ލައްވައިފިއެވެ.
މި ޒިޔާރަތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި،ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މިޒިޔާރަތުގައި ނިޔާޒީ ވަނީ ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތަކާ ބެހޭ މަޢުލޫމާތު ވެސް ހޯއްދަވައިފައެވެ.
މީގެއިތުރުން، ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރުމަށްޓަކައި ތިލަފުށީގައި ތަރައްޤީކުރަމުންދާ ވަސީލަތްތަކުގެ މަސައްކަތްތައް ބައްލަވައި ކަމާގުޅޭ މަޢުލޫމާތުވެސް މި ޓީމުން ވަނީ ހޯއްދަވައިފައެވެ.
ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދެވޭ ޚިދުމަތްތަކާއި ޤާއިމުކުރެވިފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް އެވުޒާރާއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތް ކުރައްވަނީ ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރުކަމާއެކުގައި ކަމަށް ވެސް އެވުޒާރާއިން ވިދާޅުވެފައިވެއެވެ.
މިފަދަ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަކީ ސާފުތާހިރު އަދި ދެމެހެއްޓެނިވި ވެއްޓެއް އޮތް ޤައުމަކަށް ހެދުމަށް އެއްބާރުލުން ދިނުން ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.





