ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ %40 އެމްއެމްއޭއަށް މާރުކުރަން މަޖުބޫރު ކުރުމަކީ ރާއްޖޭގެ އިގްތިސާދަށް ނުރައްކާ ވެދާނޭ ކަމެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20% އެމްއެމްއޭއަށް މާރުކުރުމުގެ ބަދަލުގައި އެ މިންވަރު 40% އަށް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙުމްދު މުނައްވަރު އިއްޔެ ވިދާޅުވުމުން އެއަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ރިސޯޓުތަކުން އެމީހުންނަށް ލިބޭ އެމެރިކާ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ އެމްއެމްއޭއަށް ވިއްކަން މަޖުބޫރުކުރުމަކީ އިގްތިސާދީ ގޮތުން ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ސިޔާސަތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގިނަ ރިސޯޓުތަކަކީ ބޮޑެތި ދަރަނިއޮތް ތަންތަން ކަމަށެވެ. އެ ދަރަނި ދައްކަންޖެހެނީ ޑޮލަރުން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ. "އަދި އޭގެ ތެރެއިން ގިނަ ރިސޯޓުތަކަކީ ބޭންކު ލޯނު ނަގައިގެން ހިންގާ ބޭރުގެ އިންވެސްޓްމަންޓްތަކެއް،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އައީ ވާދަވެރި ފައިދާއެއް ލިބޭތީ ކަމަށާއި، އެކަން އެހެން އޮއްވާ އެ ހިތްވަރު ކަނޑުވާލުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް ނުރައްކާވާނޭ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.





