ދިވެހި|English 28 އޮގަސްޓު 2026 · 13:04
Top banner
Advertisement
އިސްރާއީލާ ދެކޮޅަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ  ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި
ޚަބަރު

އިސްރާއީލާ ދެކޮޅަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ  ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި

އިސްރާއީލާ ދެކޮޅަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ  ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހިރި ނިއުސްހިރި ނިއުސް28 އޮގަސްޓު 2026

އިސްރާއީލުގެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވައި އިސްރާއީލުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކަމަނާ މިކަމާ ކަންބޮޑުވުން ފާޅުކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ މީޓިންގައި ތަގުރީރު ކުރައްވަމުންނެވެ. އެކަމަނާ ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލީ ދައުލަތުގެ މިލްކެއްކަމުގައި ނިންމައި ފަލަސްތީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ވެސް ކުށްވެރިކުރައްވައިފައެވެ.

އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާ ހަމަތައް ދެމެހެއްޓުމަކީ އޯ.އައި.ސީ. މެމްބަރު ގައުމުތަކުގެ ޒިންމާއެއްކަމަށާއި، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ފުޅާކުރުން މުހިންމުކަމުގައި ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި ހައްޤުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ. އަދި ދެމެހެއްޓިނިވި ސުލްހައަކަށް އޮތް މަގެއްގެ ގޮތުގައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށް ވަޒީރު އިރުތިޝާމް ގޮވާލެއްވިއެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި އޯ.އައި.ސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކޮށް، އޯ.އައި.ސީ. އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް ވާހަކަ ދެއްކެވި ކަމަށް ޚާރިޖިއްޔާއިން ވަނީ ވިދާޅުވެފައެވެ.

އޯ.އައި.ސީ އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 ގައި މި ޖަމުއިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.

 

ގުޅުންހުރި ޚަބަރު