ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު ތުރު ކުރައްވާނޭ ހެދުންކޮޅެއް ފަރުމާކޮށްދެއްވުމަށް ސަގާފަތުގެ ފަންނުވެރީންގެ ކިބައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދި ވަޑައިގެންފިއެވެ.
"އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު ޢާއްމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅެއް" ކަމަށެވެ. އެހެން ކަމުން ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް މިފަދަ ހެދުންކޮޅެއް އިމާމުންނަށް ފަރުމާކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނޭ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
"މިހެން ކަމުން އަޅުގަނޑު އެދެނީ މިފަދަ ފޭރާންކޮޅެއް އިމާމުންނަށް ފަރުމާކުރުމުގައި ތާރީޚާއި ސަޤާފަތުގެ ފަންނުވެރިން އެހީތެރިކަން ދެއްވުން،" ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ސޯޝަލް މީޑީއާގައި އާންމުކޮށްފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ މިގޮތައް "ފަރުމާކުރެވޭ ފޭރާންކޮޅަކަށް" މިނިސްޓްރީއިން ތާއިދުކުރައްވާނޭ ކަމަށެވެ. އަދި މިފަދަ ފޭރާންކޮޅެއް ފަރުމާކުރުމަށް ހުޅުވާލަން ވިސްނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "އިމާމުވެ ނަމާދު ކުރައްވާއިރު ތާކިހާކޮޅުވެސް ހިމެނޭހެން ތުރުކުރައްވާނެ ޑްރެސް ކޯޑެއް ރާއްޖޭގެ އިމާމުންނަށް އޮތުމަކީ ރަނގަޅުކަމެއް،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.





