މިކަމަށް އިލްތިމާސް ކުރެއްވީ ކ. އަތޮޅުގެ ތިން ރަށަކަށް ކޮމިޝަނަރ ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ގުރައިދޫ، މާފުށި އަދި ގުޅީ ޕޮލިހުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށާއި، ޔުނީފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފަހައްޓަން ޖެހޭކަމަށެވެ. އަދި "ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އޯގާތެރިކަމާއި ހަމަހަމަކަން ގާއިމުކުރުމަށް އިލްތިމާސް" ކުރެއްވިއެވެ.
މީގެ އިތުރުން ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން، އެ މަރުކަޒުތައް ގާއިމުކުރެވިގެން ދިއުމާއެކު ފުލުހުންގެ މަސައްކަތަށާއި ފުލުހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ރަށްރަށުގެ ރައްޔިތުން މަސައްކަތް ކުރަމުންދަނީ ފުލުހުންނާ ގުޅިގެން ވަރަށް ގާތުންކަން ފާހަގަކުރައްވައި، އެއީ ފުލުހުންގެ މަސައްކަތަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއްކަމަށް ވެސް ވިދާޅުވިއެވެ.
މި ބައްދަލުވުންތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ސީނިއަރ ބައެއް އޮފިސަރުންނާއި، އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި، އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ފުލުހުންގެ މަރުކަޒުތަކަށް ކޮމިޝަނަރ ކުރެއްވުމަށް ހަމަޖެހިފައިވާ ޒިޔާރަތުގެ ތެރެއިން ކުރިއަށްގެންދާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކުގައި ރަށްރަށުގެ ފުލުހުންގެ މަރުކަޒުތަކުގެ ހާލަތު ވަޒަންކުރެއްވުމަށް ވަނީ ހަމަޖެހިފައިކަމަށް ފުލުހުން ވިދާޅުވިއެވެ.
ގުރައިދޫއަށް ކޮމިޝަނަރ ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށް ގެންދާގޮތް އޮޅުންފިލުއްވެވިއެވެ. އަދި ފުލުހުންގެ ފަރާތުން ބައެއް ތަކެތި އެ މަރުކަޒަށް ހަދިޔާ ވެސް ކުރެއްވިއެވެ.





