ވިޔަފާރީގެ ރަނގަޅު މުއާމަލާތެއްގައި ވިއްކާ ފަރާތާއި ގަންނަ ފަރާތަށް ވެސް ފައިދާވާންޖެހޭ ކަމަށާއި އެހެންނަމަވެސް ރަސްމާލެ މަޝްރޫއުން ފެންނަނީ އިންތިހާއަށް އީގަލްހިލްސްއަށް ފައިދާވާތަން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
"ރަނގަޅު ވިޔަފާރި މުޢާމަލާތެއްގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާން ޖެހޭނެއެވެ. ރަސްމާލޭން (ފުށިދިއްގަރުފަޅުން) 500 ހެކްޓަރު ބިން ހިލޭ، އީގަލް ހިލްސަށް ދާއިމަށް ދިނުމުގައި މިކަމެއް ނުފެނެއެވެ. އިންތިހާއަށް ފައިދާވަނީ އީގަލް ހިލްސްއަށެވެ." އެކްސް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
މި ޕޯސްޓުގައި އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެފައިވަނީ މި މަޝްރޫޢުން ރާއްޖެއަށް މާލީގޮތުން ލިބެންޖެހޭ ފައިދާ ލިބޭތަނެއް ނުފެންނަ ކަމަށެވެ. އެހެންނަމަވެސް 500 ހެކްޓަރު ބިން ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. "އީގަލް ހިލްސްއަށް ދެނީ ހިލޭއެވެ. ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ނެތެވެ. އީގަލް ހިލްސުން އަޅާނެކަމަށް ބުނާ 5,000 ހައުސިންގ ޔުނިޓް ޖެހެނީ ދިވެހި ސަރުކާރުން ގަންނާށެވެ. މީގެ އިތުރުން މި ޕްރޮޖެކްޓް މިހާރު ރޭވިފައިވާ ގޮތުން މުސްތަޤުބަލުގައި މުޅި ޤައުމަށް ބޮޑެތި އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ތަން ފެނެއެވެ." އެހެން ކަމުން އެމަނިކުފާނުގެ އިލްތިމާސަކީ މި ޕްރޮޖެކްޓް މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުން ކަމަށް ވަނީ ވިދާޅުވެފައެވެ.





