ޕޭޓްރިއޮޓިކް ޔޫނިއަން އޮފް ކުރްދިސްތާން (ޕީ.ޔޫ.ކޭ) ގެ ލީޑަރު މިސްޓަރ ބާފިލް ތާލަބާނީ އަންގާރަ ދުވަހު ތެހެރާނަށް ވަޑައިގަންނަވާނޭ ކަމަށް އީރާނުގެ ޚާރިޖީވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި، ބާފިލް ތާލަބާނީ ތެހެރާނަށް ކުރައްވާ މި ޒިޔާރަތަކީ އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީގެ ދަޢުވަތަކަށް ކުރައްވާ ޒިޔާރަތެކެވެ.
މިއީ އިސްލާމީ ޖުމްހޫރިއްޔާ އީރާނުން ޢިރާޤުގެ ސަރުކާރާއި ޢިރާޤުގެ ކުރްދިސްތާން ސަރަޙައްދާއެކު ބާއްވަމުންދާ މަޝްވަރާތަކުގެ ތެރެއިން، ދެފަރާތުގެ ގުޅުން ބަދަހިކުރުމަށާއި ސަރަޙައްދުގެ ޞުލްޙައާއި ހަމަޖެހުން ވަރުގަދަކުރުމުގެ މަޤްޞަދުގައި ކުރައްވާ ޒިޔާރަތެއް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މި ޒިޔާރަތުގައި ޕީ.ޔޫ.ކޭ ގެ ލީޑަރު، އިޤްތިޞާދީ އެއްބާރުލުމާއި، ބޯޑަރު ސެކިއުރިޓީއާ ގުޅޭ ކަންތަކާއި، ދެފަރާތުންވެސް ޝައުޤުވެރިވާ މުހިންމު ކަންތައްތަކާ މެދު އީރާނުގެ އިސް މަސްއޫލުވެރިންނާއެކު މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވާނޭ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.





