އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި އިންޑިއާއިން ނަގައިފައިވާ 150 މިލިއަން ޑޮލަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްކީ "އަތުޖެހެން ހުރި ހުރިހާ ޑޮލަރެއް ބޭނުން ކޮށްގެން" ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ޓީ-ބިލް ދައްކަން ޖެހުނީ ރޯލް-އޯވަރ ނުކުރެވުނީމާ" ކަމަށެވެ. އަތުޖެހެން ހުރި ހުރިހާ ޑޮލަރެއް ބޭނުން ކޮށްގެން ދަރަނި ދެއްކުމުގެ ނަތީޖާއަކީ ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާ ހުރިހާ ޑޮލަރެއް ހުސްވުން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މި ދަރަނި ދެއްކުމަށްފަހު މިއީ އަތްޖަހައި "ސިޔާސީ ޕޮއިންޓް ހޯދަންވީ ކަމެއް ނޫން،" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދަރަނިތައް ދެއްކުމަށްފަހު ބީއެމްއެލް ގަ ވެސް ޑޮލަރެއް ނެތް ކަމަށާއި، އާންމުންގެ ޓްރާންސްފަރ ތަކާއި ޓީޓީ ވެސް ވަނީ ހުއްޓިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. "މި ސަރުކާރަކަށް މި ކަމެއް ނުވި. ވެރިކަމަށް ވަޑައިގަންނަވަމުން ވިދާޅުވީ ކުރީ ސަރުކާރުގެ ދަރަނި ރީސްޓްރަކްޗަރ ކޮށް ދިވެހިންނަށް ލުއި ގޮތް ހޯދައިދޭނެ ކަމަށް. އެހެނަސް ރައްޔިތުންނަށްވީ، ހައްތާހާ ބުރަ،" ނަޝީދު ވިދާޅުވިއެވެ.





