މި ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް ސިލްސިލާކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤްތިޞާދު މި ދަނީ ރޭވުންތެރިކަމާއެކު ނުލަފާ ގޮތަކަށް ސުންނާފަތިކުރަމުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ނިންމުންތަކަކީ ހަމައެކަނި ޤާބިލުކަން ނެތުމުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ދެން ބަލައިގެން ތިބެވޭކަށް ނެތް ކަމަށެވެ.
މީގެ އިތުރަށް ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރުމާއި، ޚާއްސަކޮށް ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް މި ސަރުކާރުން ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ ހަމަތަކާ މުޅިން ހިލާފު، އަދި ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން ޣައިރުޤާނޫނީ ކަމަކަށް ވުން އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"މި ސިޔާސަތުތަކުގެ ސަބަބުން އިތުރު އާމްދަނީއެއް ނުލިބޭނެއެވެ. ކުއްލިއަކަށް އަދި އެއްވެސް އުޞޫލެއް ނެތި ގެނައި މި ބަދަލުތަކުގެ އެކުވި ނަތީޖާއަކީ، އިންވެސްޓްކުރުމަށާއި ވިއްކުމަށް ރާއްޖެއަކީ އެކަށީގެންވާ ތަނެއް ނޫންކަމަށް މިއަދު ވެގެންދިއުމެވެ. އެހެން މަންޒިލްތަކުން ވާދަވެރިކަން ބޮޑުވަމުންދާއިރު، ރާއްޖެއަކީ ފައިދާނުވާ އުފެއްދުމަކަށް ވެއްޖެނަމަ، އޮޕަރޭޓަރުން ރާއްޖެ ވިއްކުން ހުއްޓާލާނެއެވެ."
ރާއްޖޭގެ ފަތުރުވެރިކަން މިހާރުވަނީ ހީނަރުވާން ފަށައިފައި ކަމަށާއި، "އަޅުގަނޑުމެންގެ ރަން ބިސްއަޅާ ކުކުޅު ކޮށާލުމުގެ އަސަރު" ސިނާއަތަށް ލިބޭ ގެއްލުމަކުން އެކަނި ނުނިމޭމޭ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. މީގެ އާޚިރު ނަތީޖާއަކަށްވާނީ އެތައް ހާސް ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކެއް އިނދަޖެހި، ވަޒީފާގެ ފުރުޞަތުތައް ގެއްލިގެން ދިއުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އުންމީދުކުރާ ވަގުތީ ނަތީޖާއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ނުރައްކާތެރި އަސަރުތަކެއް ރާއްޖެއަށް ކޮށްފާނެ ސިޔާސަތުތައް އަވަސްއަރުވާލައިގެން ތަންފީޒު ކުރުން ހުއްޓާލަން ޖެހޭ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. މިހާރު ތަންފީޒު ކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރަށް އިލްތިމާސްކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި ސަބަބުތަކަށްޓަކައި ވެރިކަން ކުރާ ނިޒާމާމެދު އަލުން ފުންކޮށް ވިސްނަންޖެހޭ ކަމަށާއި، މުޅި ޤައުމު ސުންނާފަތިކޮށްލުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.





