ދިވެހި|English 23 ސެޕްޓެމްބަރު 2026 · 21:42
Top banner
Advertisement
ސަޢޫދީގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނަށް ރައީސް ފޮނުއްވައިފި
ޚަބަރު

ސަޢޫދީގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނަށް ރައީސް ފޮނުއްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރަސްގެފާނު، ދެ ޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދަށާއި، ވަލީއަޙްދު އަދި ބޮޑުވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް23 ސެޕްޓެމްބަރު 2026

ރަސްގެފާނަށާއި ވަލީއަޙްދު އަދި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ސަޢޫދީ ޢަރަބިއްޔާއަކީ އަބަދުވެސް ދިވެހިރާއްޖެއިން ނުހަނު އިތުބާރުކުރާ، ޤަދަރުވެރި ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމަކީ، އިސްލާމީ އުޞޫލުތަކާއި، މުޅި އިސްލާމީ އުންމަތުގެ ލާބައާއި އެއްބައިވަންތަކަމަށް، ދެ ޤައުމުންވެސް ދޭ އަހައްމިއްޔަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ބަޔާންކުރައްވަމުން، މި ގުޅުން އިތުރަށް ބަދަހިވަމުން ދަނީ ދެޤައުމުގެ މެދުގައި އޮތް ފުރިހަމަ އިޙްތިރާމާއި، އެއްބާރުލުމާއި، ގާތް ގުޅުމުގެ ޒަރީއާއިން ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އެގުޅުމުގެ ޒަރީއާއިން ދެމެހެއްޓެނިވި މަންފާތަކެއް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތައް ލިބޭނެފަދަ މަޝްރޫޢުތަކަށް ވުނަކުރުމުގެ ތެރެއިން، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ދެ ގައުމުގެ މެދުގައި އޮންނަ ބައިނަލްއަގުވާމީ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ ރައްޔިތުންނަށް ދާއިމީ މަންފާކުރާނެ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތައް ނިންމަވާލައްވަމުން، ރަސްގެފާނަށާއި ވަލީއަޙްދު އަދި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ އުޚުއްވަތްތެރި ރައްޔިތުންނަށް ދާއިމީ އަމަންއަމާންކަމާއި، ކުރިއެރުމާއި، ފާގަތިކަން މިންވަރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައި ވެއެވެ.

މި ޝުޢޫރުތައް ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ޙިއްސާކުރައްވާފައެވެ.

-ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު