ދިވެހިރާއްޖެ އިން ވިއެޓްނާމަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، މަރްޔަމް މިދްފާ ނަޢީމް އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ އަދި ރައީސް ޓޯ ލާމަށް މިއަދު އަރުވައިފިއެވެ. ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައިވަނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހަނޯއީގައި މިއަދު ކަމަށެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ވިއެޓްނާމްގެ ރައީސް ޓޯ ލާމް ފަތްކޮޅު އެރުވި ސަފީރުންނަށް މަރުހަބާ ވިދާޅުވެ އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް ޚާރިޖިއްްޔާއިން ވިދާޅުވިއެވެ.
ސަފީރު މަރްޔަމް މިދްފާ ނަޢީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން ވިއެޓްނާމްގެ ރައީސް އާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.





