ދިވެހި|English 7 ނޮވެމްބަރު 2026 · 20:57
Top banner
Advertisement
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް އުލިގަމުގައި ހުޅުވައިފި
ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް އުލިގަމުގައި ހުޅުވައިފި

ހއ. އުލިގަމުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް6 ނޮވެމްބަރު 2026

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ދަށުން ހުޅުވި ތަނެކެެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހއ. އުލިގަމު ގޮފި ހުޅުއްވައިދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދާއި ހއ. އުލިގަމު ކައުންސިލުގެ ރައީސް އަސަދުﷲ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި އުލިގަމު ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ޅ. ހިންނަވަރު، ސ. ހިތަދޫ، ރ. މަޑުއްވަރީ، ހދ. ވައިކަރަދޫ، ކ. މާފުށި، ގއ. ދާންދޫ، ރ. ރަސްމާދޫ، ލ. މާވަށް، ބ. ތުޅާދޫ، ބ. އޭދަފުށި، ހދ. ނޮޅިވަރަންފަރު، ފ. މަގޫދޫ އަދި ރ. ހުޅުދުއްފާރުގައި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރާ މުބާރާތަކަށް ހެދުމާއި، އެ މުބާރާތަކީ އެންމެ އަގުހުރި އިނާމުތައް ދެވޭ މުބާރާތަށް ވަނީ ހަދާފައެވެ. އަދި ޙާފިޡުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރުމާއި، ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު މަޝްރޫޢުއެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ޚަބަރު