ލަންޑަން، އައިއާރުއެންއޭ – އިނގިރޭސިވިލާތުގެ ވެރިކަންކުރާ ލޭބަރ ޕާޓީގެ އަހަރީ ކޮންފަރެންސް ފެށެން ކުޑަތަންވެފައިވަނިކޮށް، ފަލަސްތީނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ހޮނިހިރު ދުވަހު ވަޕޫލްގައި މުޒާހަރާކޮށްފިއެވެ. މި މުޒާހަރާގެ ބައިވެރިން ވަނީ އިނގިރޭސި ވިލާތުން އިސްރާއީލަށް ދޭ އަސްކަރީ އެހީތެރިކަމާއި، ހަތިޔާރު ވިއްކުން ހުއްޓާލުމަށް އެގައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަތައް ހިފައިގެން ސެއިންޓް ޖޯޖްސް ހޯލް ބޭރަށް އެއްވެ، ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލައިފައެވެ. މީގެ އިތުރުން ބައިވެރީންވަނީ އިނގިރޭސިވިލާތުން އިސްރާއީލަށް ކުރަނުން އަންނަ ތާއީދު ނިމުމަކަށް ގެނެސް އެގައުމާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
މި މުޒާހަރާ އަކީ ހުޅަނގު އައްސޭރީގައި ވަޒަންވެރިވާ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ވަޒަންވެރިން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމާއި ފުރާނައަށް ނުރައްކާވާފަދަ ޢަމަލުތަކާ ދެކޮޅަށް ބޭއްވި މުޒާހަރާއެކެވެ. މި މުޒާހަރާ ކުރީ އެފަރާތްތަކާ ދެކޮޅަށް އައު ފިޔަވަޅުތަކެއް އަޅާނޭ ކަމަށް އިނގިރޭސި ސަރުކާރުން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އިނގިރޭސިވިލާތުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް އާބާދުވެގެން އުޅޭ އިސްރާއީލީ ވަޒަންވެރިން އުފައްދާ މުދާ އެތެރެކުރުން މަނާކުރުމަށާއި، މިފަދަ އާބާދީތައް ފުޅާކުރުމުގައި ބައިވެރިވާ މީހުންނާއި ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާވަމުންދާކަން ހާމަކޮށްފައެވެ.
މީގެއިތުރުން، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބުމަށް މަގުފަހިވެދާނެ ފަދަ ހަތިޔާރާއި ވަސީލަތްތައް އެކްސްޕޯޓް ކުރުމަށް އެދި ހުށަހަޅާ ލައިސަންސްތައް ބާތިލުކުރާނެކަމަށްވެސް އިނގިރޭސި ސަރުކާރުން ވަނީ ބުނެފައެވެ.





