އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާފައިވާ މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތް ދެއްވައިފި ކަަމަށް ފުލުހުން ވިދާޅުވެއްޖެވެ. ނަސޭހަތް ދީފައިިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިއީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކޮށްފައިވާ މީހުން ފުލުހަށް ހާޒިރުރުކޮށް ނަސޭހަތްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މިގޮތަށް ހާޒިރުކުރެވުނު ފުރަތަމަ މީހާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އޭނާގެ ރެކޯޑުތަކުގެ ތެރޭގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ސްޓަންޓް ޖައްސަމުން ދުއްވުމާއި، ޒިގްޒެގްކޮށް ބާރުސްޕީޑުގައި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، މޮބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުން ހިމެނެއެވެ. މީގެ އިތުރުން، އުޅަނދުގެ އަހަރީ ފީ ހަމަވެފައި ހުއްޓައި ދުއްވުމާއި، އޭނާގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުންވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިފަދައިން ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ކުރަމުންނެވެ.





