ސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫއާ ބެހޭ ގޮތުން ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަމަށް ސަރުކާރުން އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޑރ. ޚަލީލް ވިދާޅުވެފައިވަނީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްޤީގެ ދުވެލީގައި ރާއްޖެ ކުރިއަރައި ދިއުމަކީ ނާދިރުކަމެއް ކަމަށެވެ.
އެފަދަ ޕްރޮޖެކްޓްތައް، ރާއްޖޭގައި ހިންގާއިރު ރައްޔިތުން އެދޭ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒު ވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، ޕްރޮޖެކްޓް ކާމިޔާބު ވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"ޢާންމުވެފައިވާ މަޢޫލޫމާތު ތަކަށް ބަލާއިރު ރަސްމާލެ ޕްރޮޖެކްޓަކީވެސް އާދަޔާ ޚިލާފަށް ބޮޑު މަޝްރޫޢެއް. ނަމަވެސް، ރަސްމާލޭގެ އިންވެސްޓްމަންޓާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ޙައްސާސް ކަންބޮޑުވުންތަކެއް އެބަހުރި. އަޅުގަނޑު ދެކޭ ގޮތުގައި، ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ޙައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ޙައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން،"
ރަސްމާލެ މަޝްރޫޢާ ބޭހޭ ގޮތުން ހަތް ކަމެއް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ ކަމަށާއި އޭގެ އިތުރުންވެސް ސާފުކުރަންޖެހޭ ކަމެއްވާނަމަ އެކަމެއް ސާފުކޮށްދެއްވަންޖެހޭ ކަމަށް ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.
ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ ފައިސައެއްތޯއާއި، ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯއާއި، އެއީ ކިހާވަރެއްތޯ ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހޭ ކަމަށް ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އިންވެސްޓްމަންޓުން އަޕްފުރަންޓް ޕޭމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯއާއި، އެއީ ކިހާ މިންވަރެއްތޯއާއި، އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށާއި އެހެންކަމުން، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބާތޯ ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ވިޔަފާރީގެ ޓެކްސް ނުހިމަނައި، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯއާއި، އެ ލިބެނީ ކިހާ މުއްދަތެއްގެ ތެރޭގައިތޯއާއި، ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯއާއި، ބިމުގެ މިލްވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯއާއި، 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯއާއި، މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ، މިއީ ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަންކަމަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.





