އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނޭ ކަމަށް އިޢުލާން ކުރައްވާފައިވާ ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމާއި ރަނިންމޭޓް އާދަމް ޢާޒިމް މިއަދު ދޮރުންދޮރަށް (ގޭގެއަށް) ވަޑައިގަންނަވާނެއެވެ.
މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕޭނަށް ތައްޔާރު ވުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށް ކެންޕޭން ޓީމުން މައުލޫމާތު ދެއްވިއެވެ.
މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައެވެ. "ފައިސަލް ޢާޒިމް ޑޯ.ޓު.ޑޯ ފެށުމުގެ ގޮތުން މިއަދު ބާއްވާ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މ. ސަނދު، ރައުންޑްވަން ބުކްޝޮޕް ކައިރީން،" އެވެ. ކުރިއަށްއޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކަށް ފައިސަލްއާއި ޓީމް ވަޑައިގެން ގޭގެއަށް ވަންނަވައި މީހުންގެ ހާަލަތު ދެނެގަތުމުގެ މަސައްކަތް ކުރައްވާނޭ ކަމަށް ވެސް ކެންޕޭން ޓީމުން މަޢުލޫމާތު ދެއްވިއެވެ.
"ފައިސަލް އާޒިމް" މިއަދު ހެނދުނު ވަނީ މާލޭގެ ޕަބްލިކް ޓްރާންސްޕޯޓްގައި ހުރި ދަތިކަން އޮޅުންފިލުވުމަށް އާރްޓީއެލް ބަހުގައި ދަތުރުކުރައްވައި މީހުންނަށް ދިމާވެފައިވާ އުނދަގޫކަންކަން އޮޅުން ފިލުވައިފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނޭ ކަމަށް ފައިސަލްގެ އިތުރުން މިހާތަނަށް އިޢުލާން ކުރައްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލާއި، މަޖިލިސް މެންބަރ ޑރ. ޝަމްހީދާއި، ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.





