އީރާނުގެ ދެކުނުގެ ކަނޑުގެ ސަރަހައްދުގައި އެގައުމުގެ ސަލާމަތީ ބާރުތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވާ ކޮންމެ އުޅަނދަކަށް ހަމަލާދޭނޭ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިއިންޒާރު ދެއްވީ އިރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓަރފް މޭޖަރ ޖެނެރަލް އަލީ އަބްދުﷲ އެވެ. މިއިންޒާރު އޭނާ ދެއްވީ އޮމާން ކަނޑުގެ އައްސޭރިފަށަށް ހޯމަދުވަހު ކުރެއްވި ޒިޔާރަތެއްގައެވެ.
"ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ކަނޑައެޅިފައިވާ އުސޫލް (މަގު) އިން ކައްސާލަން ނުވަތަ އިރާނުގެ އުސޫލުތަކާ ޚިލާފުވާން މަސައްކަތްކުރާ ކޮންމެ އުޅަނދެއްވެސް އަމިއްލައަށް ނުރައްކަލުގެ ތެރެއަށް ވެއްޓި، ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ޖެނެރަލް އަބްދުﷲ ވިދާޅުވިގޮތުގައި ޕާޝިއަން ގަލްފް (ފާރިސް ކަނޑު) ގެ އައްސޭރިފަށާއި، އެ ސަރަހައްދުގެ ރަށްތަކާއި އަދި ސްޓްރޭޓް އޮފް ހޮރްމުޒްގެ ފުރިހަމަ ކޮންޓްރޯލް އޮތީ އައި.އާރު.ޖީ.ސީ ގެ އަތްމަތީގައެވެ. އަދި އެ ސަރަހައްދުގެ ކަނޑުގެ ހުރިހާ ދަތުރުފަތުރެއް އޮތީ އައިއާރުޖީސީގެ ކޮންރޯލްގެ ދަށުގައެވެ.
ހޮރްމުޒް އަކީ ދަތުރުފަތުރު ކުރުމަށް ހުޅުވާލެވިފައިވާ މިނިވަން ސަރަހައްދެއް ކަމަށް އެމެރިކާގެ އޮފިޝަލުން ދައްކަވާ ވާހަކަތަކަށް އިރާނުގެ ކޮމާންޑަރު ވަނީ ފާޑުވިދާޅުވެފައެވެ. އެ ކަނޑުއޮޅި މުޅިން ބަންދުކޮށްފައިވާ ކަމަށާއި، އެތަން ބަލަހައްޓަމުން ދަނީ އައި.އާރު.ޖީ.ސީ ގެ ވަރުގަދަ ކަނޑުގެ ސިފައިން ކަމަށް ވެސް ކޮމާންޑަރު ވަނީ ވިދާޅުވެފައެވެ.





