މިއީ އައޮވާލި ކަނދުފަތީގެ ޑީޒައިން އިތުރަށް ތަރައްގީކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ފުރަތަމަ ޑިޒައިންކޮށްފައިވާ ކަނދުފައްޗެކެވެ.
މި މަޝްރޫއަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް. އޭ. އޯ)ގެ އެހީގައި މަސްެވެރިކަމާ ބެހޭ ވުޒާރާއިން ހިންގަމުން ގެންދާ މަޝްރޫއެކެވެ. ތޮއްޑޫ ބޭރުގައި އަޅާފައިވަނީ ވަދު މަސްވެރިކަމަށާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެކެވެ. މިއީ މިފަދަ ކަނދުފައްޗެއް ރާއްޖޭގައި އެޅި ފުރަތަމަ ފަހަރެވެ.
މި ކަނދުފައްޗަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ޤާއިމްކުރާ "ސަބްމާޖްޑް" ނުވަތަ "ސަބްސަރފޭސް" ކަނދުފަތީގެ ޑިޒައިން އަސްލަކަށް ބަލައިގެން ކަނދުފަތީގެ ފޮލޯޓިންގް ސްޓްރަކްޗަރ ދެފެންދޭތެރޭގައި އޮންނަ ގޮތަށް ފަރުމާކޮށް ތައްޔާރުކޮށްފައިވާ ކަނދުފައްޗެކެވެ.
މިކަނދުފަތީގެ ނަގިލިވަލުގެ ގޮތުގައި ބޭނުންކޮށްފައިވާ 'ފްލޯޓިންގ' ވަލާއި 'ސިންކިންގ' ވަލަކީ މިކަނދުފައްޗަށް ހާއްސަކޮށްގެން ގެނެވުނު އައު ބާވަތެއްގެ ވަލެކެވެ. އަދި ކަނދުފަތީގެ މައި ފްލޯޓީންގް ސްޓްރަކްޗަރ 20 މީޓަރު ފެނުއަޑީގައި ކަނދުފަތީގެ މައި ނަގިލި ވަލާއި ގުޅޭގޮތަށް ހަރުކޮށްފައިވާނެއެވެ. އަދި މި ފުންމިނުގައި ފަނާވެގެންދާފަދަ ބާވަތަކުން ތައްޔާރު ކޮށްފައިވާ "ނޮން އެންޓޭންގްލިންގ" ދައުތަކެއް ހަރުކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.





