ރައްޔިތުންގެ ގާތުން އެހުމަކާ ނުލައި ވެރީން ކުރާ ކަންކަމުން ކާމިޔާބެއް ނުލިބޭނޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
މީރޭ ބޭއްވި "އަހާބަލަ" މުޒާހާރާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުން ގާތުން އެހުމަކާ ނުލައި ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓު އިންޑީއާގެ ޖީއެމްއާރަށް ދެވުނީ ގޯހަކުންކަން މިއަދު ގަބޫލުކުރައްވާ ކަމަށެވެ. މީރޭ މި އެއްވުމަށް ވަޑައިގެން މިވާހަކަ ދައްކަވަނީ އެ ތަޖުރިބާގެ އަލީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ޔޫއޭއީގެ އީގަލްހިލްސްއަށް ރަސްމާލެއިން ބައެއް ދޫކޮށްލުމުގެ ކުރީން ރައްޔިތުން ގާތުން އެހުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވެރީންކުރާ މިފަދަ ކޮންމެ ކަމެއްގެ ފަހަތަށް ރައްޔިތުން އަންނަންޖެހޭ ކަމަށާއި ވާނުވާ ރައްޔިތުންނަށް އެނގެންޖެހޭނޭ ކަމަށްވެސް މިރޭ އެމަނިކުފާނު ވިދާޅުވިއެވެ.





