އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިއަދު މެންދުރު ފަހު ފަށައިގެން ކުރިއަށް އެބަދެއެވެ.
ވޯޓުލުން ކުރިއަށްދާނީ މިއަދު 2:30 އިން ފެށިގެން މިރޭ 8:00 އާ ހަމައަށެވެ. މިއަދު މިއަޅާ ވޯޓުން އެމްޑީޕީގެ އެގާރަ ސަތޭކަ ދެ މަގާމަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.
މީގެ ތެރޭގައި އެޕާޓީގެ ގައުމީ މަޖިލީހަށް 359 މެންބަރުން އިންތިޚާބު ކުރުން ހިމެނެއެވެ. ގައުމީ މަޖިލީހަކީ އެޕާޓީގެ އެންމެ ބާރުގަދަ އަދި އެންމެ މުހިންމު އެއް ގުނަން ވެސް މެއެވެ. މި މަގާމަށް 774 ކެންޑިޑޭޓުން ވާދަ ކުރެއެވެ.
މި އިންތިޚާބުގައި އެކި މަގާމްތަކަށް ޖުމްލަ 1612 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި 368 އަންހެނަކު ހިމެނެއެވެ. އެމްޑީޕީއަކީ އަންހެނުން ބާރުވެރިކުރުވުމަށް އަބަދުވެސް ވަކާލާތުކުރާ ޕާޓީއެކެވެ.
މިއިންތިޚާބުގައި އަތޮޅުތަކާއި ރަށްރަށުގެ ދާއިރާތަކަށް ނާއިބު ރައީސުން ހޮވުމާއި އަންހެން ސެކްރެޓެރީންނާއި ޔޫތު ސެކްރެޓަރީން އިންތިޚާބުކުރާނެއެވެ.
އެމްޑީޕީގެ މި އިންތިޚާބުގައި ޖުމްލަ 252 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ ނޮވެމްބަރު 30 ގައެވެ.





