ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މުނިފޫހިތިބާ ... ހަނދާ މުޚާޠަބުކުރި ފުރަތަމަ ޅެން
މުނިފޫހި

މުނިފޫހިތިބާ ... ހަނދާ މުޚާޠަބުކުރި ފުރަތަމަ ޅެން

މމުޙައްމަދު ޢާމިރު އަޙްމަދު ފަރެސް6 އޮކްޓޯބަރު 2025
"ތަރިއެއް ފަދަ ރަނުގެ ޖަރީ، އަރިއަތޮޅުން މާމިގިލީ"
މުދައްރިސް ޢަބްދުﷲ ޞާދިޤް ވިދާޅުވެދެއްވި ގޮތުގައި މި ޅެމަކީ ދިވެހި ޅެންވެރިކަމުގެ ތާރީޚީ ރެކޯޑެކެވެ. މިއީ ދިވެހި ޝާޢިރަކު އެންމެ ފުރަތަމަ ހަނދާ މުޚާޠަބުކުރެއްވި ފަހަރެވެ. މީގެ ތެރެއަށް އިތުރު ކަމެއް ޚާއްސަވެގެންވެއެވެ. އެއީ މި ޅެމުގެ ފަހު މެސެޖެވެ. މި މިސެޖަކީ ހަނދު މެދުވެރިކޮށް ވިލާގައި ލިޔެގެން ލޯބިވެރިއަކަށް ރާއްޖޭގައި ފޮނުވުނު ފުރަތަމަ މެސެޖެވެ. ފުރަތަމަ ސަލާމެވެ. ސާދާކޮށް ދަންނަވާ ނަމަ، ދިވެހިރާއްޖެއިން ސެޓެލައިޓް މެދުވެރިކޮށް ފޮނުވުނު ފުރަތަމަ ލޯބީގެ މެސެޖެވެ. މި ޅެން ހެއްދެވީ ދިވެހި ޅެންވެރިކަމުގެ ސީނީ ޢަޞްރުމާ، އައްޝައިޚް ޢުމަރު ޢީސާއެވެ. މި ޅެމުގައި ބަޔާންވެގެންވާ "ނަލަ އެ ސީނުގެ ޢަޞްރުމާ" އެވެ. މި ނަންފުޅު މިތާގައި އޮތުމުން ޅެމުން ނެރެވޭ ޚިޔާލީ މާނަތަކަކީ ވެސް މި ނަންފުޅުގެ ވަށައިގެން ދައުރުވާ އެއްޗެއްގެ ގޮތުގައި ބަލަންޖެހޭނޭކަމަށް ދެކެމެވެ. އައްޝައިޚް ޢުމަރު ޢީސާއަކީ މޮޅު ޝާޢިރެކެވެ. ލާމަސީލު މުތަރުޖިމެކެވެ. އަމީރު ހަމްޒާ ވާހަކައާއި ކަލީލާއި ދިމްނާ ވާހަކައާއި ހަނގުރާމައިގެ ރަންހާރު ފަދަ ތަރުޖަމާތައް ޢުމަރުގެ ޢީސާގެ ތައާރަފަކަށް ފުދެއެވެ. އެއީ ތަފާތު އުސްލޫބަކުން ފަލްސަފީ ނަޒަރަކުން ލިޔުއްވި މޮޅު ލިޔުންތެރިއެކެވެ. މި ޅެމުގައިވާ ސީނީ ޢަޞްރުމަލަކީ ޢުމަރު ޢީސާގެ ޝާޢިރީ ނަންފުޅެކެވެ. ޅެންވެރިން ކިޔާގޮތުން ނަމަ ތަޚައްލުޞެކެވެ. މި ރީތި ޅެން އެއްވެސް ތަހުލީލަކާ ނުލައި މި ހުށަހަޅަނީ އޭގެ ޖުމުލަ މާނައާއެކީގައެވެ. ތަފުސީލަކާއި ޝަރަޙައެއް ނެތިއެވެ. އިރާދަކުރެއްވިއްޔާ މި ޅެމުގެ އުސްލޫބީ އޮނިގަނޑާއި، އަދަބީ އުކުޅުތަކާއި، ބަސްކޮށާރާއި، ފައިނަލް ނަތީޖާއަށް ވަޑައިގެންނެވި މަގުގެ މައްޗަށް އެހެން ފުރުސަތެއްގައި ވާހަކަދެއްކޭތޯ ބަލާނަމެވެ. އެހެންކަމާއެކު ވެސް ޅެމުގެ މުޅި ދޭހައަށްޓަކައި ފުރަތަމަ ބައިތާ މެދު ކުޑަ އެއްޗެއް ދަންނަވައިލަމެވެ. ފުރަތަމަ ބައިތުގައިވާ ޚާއްސަކަމަކީ، މީގައިވާ ސުވާލާއި އަދަބީ އުކުޅެވެ. މިތާގައި އޮތް ސުވާލަކީ ދުނިޔޭގެ މުނިފޫހިފިލައިގެން ނުދާނޭހެއްޔޭ ވިދާޅުވެ ކުރައްވާ ސުވާލެވެ. އަދަބީ އުކުޅަކީ މުނިޔާގެ ފޮޓޯ ދައްކާ ވާހަކައެވެ. މިތާގައި ސުވާލުގެ ސީޣާ ގެންނަވައިފައިވަނީ އިއުތިރާފުގެ މާނައިގައެވެ. މުނިޔާގެ ފޮޓޯ ދައްކައިދޭ ގޮތުން މުޅި ދުނިޔޭގެ ވެސް މުނިފޫހިފިލާކަމަށް ގަބޫލުފުޅުކުރައްވާކަމުގެ އިއުތިރާފެވެ. އަދަބީ އުކުޅަކީ މުނިޔާގެ ފޮޓޯ ދުރުގައި ހުރެގެން ދައްކާ ކަމަށް ވިދާޅުވި އިބާރާތް ގެންނެވިގޮތެވެ. އުޑުމަތިން ފެންނަ ހަނދަކީ މުނިޔާގެ މޫނު ކަމަށް ނިންމަވައިފައިވާ ނިންމެވުމެވެ. މީގެ ދޭހައަކީ "މުނިޔާ" ގެ މޫނު ހަނދާ އެއްވެސް ތަފާތެއް ނެތްކަމެވެ. ހަނދުގެ މަގާމާއި ސޫރައިން ތިޔަ ދައްކަނީ މުނިޔާގެ ފޮޓޯ ކަމުގައި ވިދާޅުވާ ވިދާޅުވުމެވެ. މި ޅެމުގައިވާ "މުނިޔާ"އަކީ މި ޅެން ރައްދުވާ ޖިންސުއްލަތީފެއް ކަމަށް ގަބޫލުކުރެވެއެވެ. ސުވާލަކީ އެއީ ކާކުތޯއެވެ؟ ކޮން ރަށެއްގެ ކޮން ކަނބަލެއްތޯއެވެ؟ އެ ކަނބަލެއްގެ އުނގަށް ފިނިފެންމާތައް ތަނޑުން ލެނބިގެން ތިރިވާށިއެވެ! މި ކަނބަލަކާ ބެހޭގޮތުން ދެންނެވި ސުވާލުގެ ޖަވާބުގައި އަޅުގަނޑުމެންގެ މުދައްރިސް ޢަބްދުﷲ ޞާދިޤް ވިދާޅުވެ ދެއްވީ މި ޝާޢިރުގެ އެހެން ލަވައެއްގެ ތަންކޮޅެކެވެ. އެއީ "ތަރިއެއް ފަދަ ރަނުގެ ޖަރީ، އަރިއަތޮޅުން މާމިގިލީ"އެވެ. މީގެ ތަފުސީލަކަށް އަޅުގަނޑަކަށެއް އަދިއެއް ނުދެވެއެވެ. އަދި އޭގެ ފަހުން މާމިގިއްޔަކަށް ވެސް ނުދެވެއެވެ. މި ޅެން ލިޔެފައި ވަނީ އަޅުގަނޑުމެންގެ ދޮހޮއްކޮބޭ ކިޔުއްވައިފައިވާ ލަވައެއް އަޑުއަހައިގެންނެވެ. އެހެންކަމުން ޝާޢިރުގެ އަސްލާ މިއާ ތަފާތެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ލިޔުމާއެކު މިވާ ކުރެހުމަކީ މައިކްރޯސޮފްޓް ކޯޕައިލެޓުން އުފައްދައިފައިވާ ކުރެހުމެކެވެ. ދެން މި ހުށަހަޅަނީ ޅެމެވެ.
  1. މުނިފޫހި ތިބާ އެރިތަން ފެނިފައި ދުނިޔޭގެ ނުދާނެހެ ގެންފިލާ
މުނިޔާގެ ފޮޓޯ ދުރުގައި ހުރެގެން ދައްކާ ގޮތަކުން ދެން ސާދިލާ (އަލިވެގެންވާ ހަނދާއެވެ.) ތިބާ އެރިތަން ފެނިފައި (ބަލާ މީހާގެ ލޮލަށް މަގޭ) މުނިޔާގެ ފޮޓޯ ތިޔަ ދައްކާ ދިލާސާ ގޮތަކުން ދުނިޔޭގެ މުނިފޫހި ފިލައިގެން ނުދާނޭހެއްޔެވެ؟
  1. ފިތުނަ ތަކަކުން މަސްތުވާވަރު ހިތުގެ ގިނަ ސަކަރާތުގާ
ބިމު މަސާ ނުވެގެން ތިބާ ދެކިލަން ދިޔާމާ މޮޅިފިލާ ހިތުގެ ގިނަ ސަކަރާތުގައި އުފެދޭ ފިތުނަ ތަކަކުން މަސްތުވާވަރު ވެގެން ތިބާ ދެކިލަން ދިޔައިމާ މޮޅި(ވެރިކަން) ފިލައެވެ.
  1. އުދުހި އުޑުގައި ގޮސް އޮބާއިރު ހުދު އެ ފޮތިފޮތި ހާވިލާ
ގުދުރަތީ ފަރި ގޮތްތަކެއް ދުށުމުން ދިނޭނޭ ހުން ބިލާ އުޑުގައި އެ ހުންނަ ހުދު ހާވިލާ ފޮތިފޮތި އުދުހިގެން ގޮސް އޮބާލާއިރު އެހުންނަ ގުދުރަތީ ފަރި ގޮތްތަކެއް ފެނުމުން ބިލާހުން ދިނޭނެއެވެ.
  1. އަޑުގެ ހިލަމުން ގޮސް ދުރަށް ހަމަ ކަނޑުގެ އަނގަމަތިވާތަނާ
މަޑުމަޑުން ހިނގަމުން މަ ކައިރިވުމުން އަލުންދޭ ގެންފިލާ އަޑުގެ ހިލަމުން ދުރަށް ގޮސް ކަނޑުގެ އަނގަމަތިވާތަނާ މަޑުމަޑުން ހިނގަމުން މަ ކައިރިވުމުން އަލުން ފިލައިގެންދެއެވެ.
  1. ބަޝަރު ނުދެކޭހެން ޕަރީން ފަރި އަސަރު ކުރުމަށަ ދޭހުގާ
މަސަވެލަސް އުޑުގައި ނަށަން ތަރިތައް އެރީއޭ ފިރުކިލާ މީގެ ކުރީން އިންސާނުން ދުނިޔޭގައި ނުދެކޭ ފަރި ޕަރީންތަކެއް ހެން އަސަރު ކުރުވުމަށް އުޑުގައި ފިރުކިލާފައި ނަށަން ތަރިތަކެއް އެރީއެވެ.
  1. ހާރު ދަމުގައި އަންނަ ނިޔަނެތި ބާރުނުވި މަޑު ރޯޅިވައި
ނާރުތައް ފަހިވާ އެމަންޒަރަކުން ދަނީއޭ ތަދު ފިލާ ހާރުދަމުގައި އަންނަ ނިޔަނެތި ބާރު ނުވި މަޑު ވައިރޯޅި ލިބޭ އެ މަންޒަރު ބެލުމުން ނާރުތަކަށް ފަހިވެގެން އަންނަގޮތުން ތަދު ފިލައިގެން ދަނީއެވެ.
  1. ނަލަ އެސީނުގެ ޢަޞްރުމާ ފެނި ތަލަފު ނުވެ ނަފުރާ އަރާ (ތަލަފު = ހަލާކު)
ބަލަގަ މީ ހިނިތުންވެގެން އުފަލުން އަރައިގެން އުދުހިލާ (ނިކަން ބަލާލަބަލާށެވެ.) އެ ނަލަ ސީނީ އަސްރުމާ ފެނި ފުރާނަ ހިނިތުންވެ ހުރެ ހަލާކުނުވެ އަރައި އުދުހިލައިފައި ދަނީއެވެ.
  1. ހާމަ މަގުގާ ތިޔަ ހިނގާ އިރު އާ މަލެއް ފަދަވީ އުފާ
ނާ! މަގޭ މިތުރަށް ސަލާމެއް ލިޔެލަދޭށޭ ގައި ވިލާ (މި ތައުރީފު ލިބިގެންވާ ހަނދާއެވެ! ކަލޭ) އާ މަލެއް ފަދަ އުފާވެރިކަން ލިބިގެންވީ ތިޔަ ހާމަ މަގުގައި (ޖައްވުގައި ހުޅުވި ހާމަވެގެންވާ މަގުގައި) ތިޔަ ހިނގާއިރު (ތިޔަ ދިމާވާ ތަނުން) ވިލާގަނޑެއްގައި މަގޭ މިތުރަށް ސަލާމެއް ލިޔެލަދޭށެވެ. ދޭހައަކީ އޭ ހަނދާއެވެ! ވިލާގަނޑުގައި މިހެން ލިޔެލަ ބަލާށެވެ! ކަނބުލޯއޭ އުމަރު އީސާ ކަލެއަށް ސަލާމް ބުންޏެވެ!  

ގުޅުންހުރި ޚަބަރު