ދިވެހި|English Jul 15, 2026 · 01:04
Top banner
Advertisement
މުޚުތާރުއް ޘަޤަފީއާއި، އަހުލުބައިތުންގެ ޤާތިލުންގެ ނިމުން!
Report

މުޚުތާރުއް ޘަޤަފީއާއި، އަހުލުބައިތުންގެ ޤާތިލުންގެ ނިމުން!

ޙޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫJul 14, 2026

އިސްލާމީ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި ޙާދިސާއަކީ، ހިޖުރައިން 61 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ކަރުބަލާގެ މައިދާނުގައި ހިނގި އަނިޔާވެރި ޤަތުލުއާންމެވެ. އެ ޙާދިސާގައި، ނަބިއްޔާ صلّي الله عليه وسلّم ގެ ލޮބުވެތި ކާފަ ދަރިކަލުން އިމާމު ޙުސައިން رضي الله عنه އަނިޔާވެރި ގޮތެއްގައި ޝަހީދުކޮށް ލެވުނެވެ. އެ ޙާދިސާއަށް ފަހު އިސްލާމީ އުންމަތް ދެބަޔަކަށް ބެހިގެން ދިޔައެވެ. އެއްބަޔަކީ އަނިޔާވެރިކަމުގެ ކުރިމަތީގައި ހިމޭނުން ތިބި މީހުންނެވެ. އަނެއް ބަޔަކީ "ޙުސެއިންގެ ލޭފޮދުގެ ބަދަލު ހިއްޕެވުފުމަށް ނުކުމެ ތިބި މީހުންނެވެ!" އޭގެ ތެރޭގައި މުޚުތާރު ބިން އަބީ ޢުބައިދު ޘަޤަފީގެ ނަންފުޅު ފާހަގަކޮށްލެވެއެވެ. އަދި އަހުލުބައިތުންގެ ލޭފޮދުގެ ބަދަލު ހިއްޕެވުމަށް އޭނާ ޢަޒުމް ކަނޑައެޅުއްވިއެވެ.

މުޚުތާރު ބިން އަބީ ޢުބައިދު ޘަޤަފީއަކީ ހިޖުރައިން 1 ވަނަ އަހަރު ޠާއިފްގެ ބަނޫ ޘަޤީފް ޤަބީލާއަށް އުފަންވި ބޭކަލެކެވެ. ކަރުބަލާގެ ޙާދިސާ ހިނގި ވަގުތު، އޭނާ އޮންނެވީ ޤައިދުކުރައްވާފައި ކަމަށް ބުނެވެއެވެ. އެހެންކަމުން، ކަރުބަލާގެ ހަނގުރާމައިގައި، އޭނާއަކަށް ބައިވެރިވެ ވަޑައެއް ނުގެންނެވުނެވެ. އަދި، އެ ކަމުގެ ސަބަބުން އޭނާއަށް ހިތްދަތިކަން ލިބިވަޑައިގަތެވެ. ހިޖުރައިން 66 ވަނަ އަހަރު އުމަވީ ޚިލާފަތު ބަލިކަށިވުމާއެކު، މުޚުތާރު ވަނީ ކޫފާގައި ބަޣާވާތުގެ ދިދަ އުފުއްލަވާފައެވެ. އޭނާގެ މަޝްހޫރު ޝިޢާރަކީ، ""یا لثارات الحسین" ޔަޢުނީ "އޭ ހުސެއިންގެ ލޭގެ ބަދަލު ހިފާ މީހުންނެވެ!" އެމީހުންގެ އަމާޒަކީ އަހުލުބައިތުންގެ ޤާތިލުން އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް، އެމީހުން އިޢުލާން ކުރިއެވެ.

މުޚުތާރުގެ ޙުކޫމަތުގައި، އަހުލު ބައިތުންގެ ޤާތިލުންނަށް ޙައްޤު އަދަބު ދެއްވިއެވެ. މުޚުތާރުގެ ޙުކޫމަތު ދެމި އޮތީ ހިޖުރައިން 66 އިން ފެށިގެން ހިޖުރައިން 67 އާ ހަމައަށް އެންމެ 18 މަސްދުވަހުއެވެ. ނަމަވެސް އެ ކުރު މުއްދަތުގެ ތެރޭގައި، އެހެން މީހަކަށް ނުކުރެވޭނެ އެތައް ކަންތައްތަކެއް އޭނާ ކުރެއްވިއެވެ. އެގޮތުން، އަހުލުބައިތުންނަށް އިންސާފު ހޯއްދަވައި ދެއްވުމަށްޓަކާ ޚާއްޞަ ކޯޓެއް އުފައްދަވައި ކަރުބަލާގެ ޤަތުލުއާންމުގައި ބައިވެރިވި މީހުން ހިފައި ހައްޔަރު ކުރައްވަން ފެއްޓެވިއެވެ.

ޢުމަރު ބިން ސަޢުދަކީ އިބުނު ޒިޔާދުގެ ލަޝްކަރުގެ ކޮމާންޑަރެވެ. އަދި، އޭނާއަކީ ކަރުބަލާ ހަނގުރާމައިގެ އެންމެބޮޑު ޒިންމާއެއް އުފުލަންޖެހޭ އެކެކެވެ. އެހެންކަމުން، މުޚުތާރުގެ ސިފައިން އޭނާ ހައްޔަރުކޮށް، ޤަތުލުކުރުމަށްފަހު އޭނާގެ ބޯ، އިމާމް ޒައިނުލް ޢާބިދީންގެ އަރިހަށް މަދީނާއަށް ފޮނުއްވިއެވެ.

ޝިމުރު ބިން ޛިލްޖައުޝަންއަކީ އިމާމް ޙުސެއިން رضي الله عنه އަށް ކަނޑިން ޙަމަލާދީ، އެކަލޭގެފާނު ޝަހީދުކޮށްލި މަލްޢޫނެވެ. މުޚުތާރުގެ ސިފައިން އޭނާ ޤަތުލުކުރުމަށްފަހު، އޭނާގެ ހަށިގަނޑު ވަލުކުއްތާތައް ކާން ދޫކޮށްލިއެވެ.

ހަރުމަލާ ބިން ކާހިލަކީ، ޢުމުރުފުޅުން އެންމެ ހަ މަހުގެ ތުއްތު ޢަލީ އަސްޣަރު رضي الله عنه ގެ ކަރުފުޅަށް ދުންޏަކުން ޙަމަލާދީ ޝަހީދުކޮށްލި ރަޙުމުކުޑަ މަލްޢޫނެވެ. އޭނާ ދިރިހުއްޓާ އަލިފާންގަނޑަކަށް ވައްޓާލައިގެން އަންދާލުމަށް މުޚުތާރު، އޭނާގެ ސިފައިންނަށް އަމުރު ކުރެއްވިއެވެ.

ސިނާން ބިން އަނަސް ނަޚުޢީއަކީ، އިމާމް ޙުސެއިން رضي الله عنه ގެ ހަށިކޮޅާއި، އިސްތަށިފުޅު ވަކިކޮށްލި ޖައްބާރެވެ. މުޚުތާރުގެ ސިފައިން އޭނާ ވެސް ހައްޔަރުކޮށް ޤަތުލުކޮށްލިއެވެ.

ތާރީޚުގެ ފަތްފުށްތަކުގައި ލިޔެވިފައިވާ ގޮތުގައި ކަރުބަލާގެ އަނިޔާވެރި ހަނގުރާމައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ގާތްގަނޑަކަށް 3000 މީހުންނަށް މުޚުތާރުވަނީ މަރުގެ ޙުކުމް އިއްވައި، އެ އެންމެން ޤަތުލުކޮށްފައެވެ. އެއަށްފަހު ކޫފާގެ ފާރުތަކުގައި "ޙުސައިންގެ ބަދަލު ހިފުން ފުރިހަމަވެއްޖެ" ކަމަށް ލިޔުއްވިއެވެ.

މުޚުތާރު ވަރަށް ގިނައިން ވިދާޅުވާ ކަމަށް ބުނެވެއެވެ. "الله ގަންދީ ބުނަމެވެ. ޤުރައިޝު ވަންހައިގެ ތިންބައިކުޅަ ދެބައިމީހުން މަރާލެވުނު ކަމުގައިވިޔަސް، ޙުސެއިން رضي الله عنه ގެ އެންމެ އިނގިލިފުޅަކާވެސް އެއްވަރެއް ނުވާނެއެވެ."

މުޚުތާރުގެ ބާރާއި، ނުފޫޒު ކޫފާގައި ބޮޑުވަމުން ދިޔަ މިންވަރުން މައްކާގައި ޚަލީފާކަން އިޢުލާން ކުރައްވައިގެން ހުންނެވި ޢަބުދު الله ބިން ޒުބައިރުއާއި ބަޞަރާގެ ގަވަރުނަރު ކަމުގައި ހުންނެވި އޭނާގެ އަޚު މުސްޢަބް ބިން ޒުބައިރު ކަންބޮޑުވިއެވެ. މުސްޢަބު ބިން ޒުބެއިރު ކޫފާއާ ދެކޮޅަށް ލަޝްކަރަކާއެކު ވަަޑައިގަތީ ހިޖުރައިން 67 ވަނަ އަހަރުއެވެ. ހަތަރު މަސް ދުވަހު ކޫފާ ޙިޞާރުކުރެވިފައި އޮތެވެ. އެންމެ ފަހުން 687 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ޤަޞްރުގައި ހަނގުރާމަ ކުރައްވަމުން ވަޑައިގަންނަވަނިކޮށް މުޚުތާރު ޝަހީދުވިއެވެ. އޭރު އޭނާގެ އުމުރުފުޅަކީ 67 އަހަރެވެ. އޭނާ ޝަހީދުކޮށްލުމަށްފަހު މުސްޢަބު ވަނީ މުޚުތާރުގެ އެކުވެރިންނާއި، ޢާއިލާ ވެސް ޝަހީދުކޮށްލާފައެވެ.

މުޚުތާރާއި ބެހޭގޮތުން ތާރީޚު ޢިލްމުވެރިންގެ ރައުޔު ދެކަފިވެއެވެ. ޝިޔަޢީ ތާރީޚި ޢިލްމުވެރިން ދެކޭގޮތުގައި މުޚުތާރަކީ "ބަޠަލެކެވެ." އެމީހުން ބުނާ ގޮތުގައި، އަހުލުބައިތުންގެ މައްޗަށް ކުރެވުނު އަނިޔާގެ ބަދަލު ހިއްޕަވައިގެން މުޚުތާރު ވަނީ އިސްލާމީ އުއްމަތަށް ހެޔޮކަމެއް ކޮށްދެއްވާފައެވެ. އެވާހަކަ ނިސްބަތް ކުރެވެނީ އިމާމް މުޙައްމަދު އަލް ބާޤިރު رضي الله عنه އަށެވެ. "މުޚުތާރު އަހުރެމެންގެ ދުޝްމަނުން ޤަތުލުކުރެއްވިއެވެ."

އިމާމް އައްޛަހަބީ އާއި އިބުނު ކަޘީރު ފަދަ ސުންނީ ތާރީޚު ޢިލްމުވެރިން އޭނާއަކީ "ދޮގުވެރިއެއް" ނުވަތަ ދޮގު ދަޢުވާކުރި މީހެއް ކަމަށް ބަޔާންކުރައްވާފައިވެއެވެ. އެމީހުންގެ ޙުއްޖަތަކީ މުޚުތާރު، އޭނާއަށް ވަޙީ އަންނަ ކަމަށް ދަޢުވާކުރުމާއި، ބަޣާވާތުގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ލޭ އޮހޮރުވާލުމެވެ.

މުޚުތާރުއް ސަޤަފީގެ ޝަޚުޞިއްޔަތަކީ އަރަތެކެވެ. އެއްކޮޅުން ކަރުބަލާގެ މަޒުލޫމުންގެ ބަދަލު ހިއްޕަވައިގެން ތާރީޚުގައި އޭނާގެ ނަންފުޅު ދިރުއްވައި އާލާކުރެއްވިއެވެ. އަނެއްކޮޅުން އޭނާގެ ކުރު ޙުކޫމަތަކީ ޤަތުލުއާންމާއި، ފަނާކުރުމުން ހުސްވެފައިވާ ޙުކޫމަތެއް ނޫނެވެ. އެކަމަކު، ޙަޤީޤަތަކީ މުޚުތާރާއި ނުލައި، ޙުސައިން رضي الله عنه ގެ ޤާތިލުންނަށް ޙައްޤު އަދަބު ދިނުމުގެ ބާބު ފުރިހަމަ ނުވެ އޮންނާނެ ކަމެވެ. އޭނާ އަހުރެމެންނަށް ދަސްކޮށްދެއްވީ އަނިޔާވެރިކަމުގެ ނިމުން ހިތިވާނެކަމާއި، މަޒުލޫމުންގެ ލޭ ބޭކާރު ވެގެން ނުދާނެ ކަމެވެ. ތާރީޚު މިއަދުވެސް މުޚުތާރުގެ މަތިން ހަނދާން ކުރަނީ "ޙުސައިން رضي الله عنه ގެ ލޭފޮދުގެ ބަދަލު ހިއްޕެވި" ބަޠަލުގެ ގޮތުގައެވެ.

 

ތާރީޚް

Related News