ދިވެހި|English Nov 23, 2026 · 16:50
Top banner
Advertisement
މިއީ ދުނިޔޭގެ އެންމެ ބާރުގަދަ ތިންގޮނޑިބާ؟
Report

މިއީ ދުނިޔޭގެ އެންމެ ބާރުގަދަ ތިންގޮނޑިބާ؟

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫNov 22, 2026

ދެ ފޮޓޯއެކެވެ. ދެ ފޮޓޯގެ ދެމެދުގައިވަނީ އަށްޑިހަ އެއް އަހަރުގެ ފަރަގެވެ. ހަމަ ތިން ގޮނޑިއެވެ. ފުރަތަމަ ފޮޓޯއަކީ، 1945 އަހަރު 04 އިން 11 ފެބްރުއަރީއަށް، ކްރައިމިއާގެ ލިވާޑިއާ ގަނޑުވަރުގައި ބޭއްވި ޔަލްޓާ ކޮންފަރެންސްގެ ހަވާސާއިން ބޭރުގައި ނަގާފައިވާ ފޮޓޯއެވެ. ފުރަތަމަ ފޮޓޯގައި އެ ތިބީ ފްރެންކްލިން ޑީ. ރޫޒްވެލްޓާއި، ވިންސްޓަން ޗާރޗިލްއާއި، އަދި ޖޯސޮފު ސްޓާރލިންއެވެ. ޔަލްޓާ ކޮންފަރެންސަކީ ނާޒީ ޖަރުމަނު ގިއްގަޅުވާލައި، ހަނގުރާމައިގެ ފަހުން ދުނިޔެ އޮންނާނެ ގޮތް ކަނޑައެޅުމަށް ބޭއްވި ކޮންފަރެންސެކެވެ. އެ ތިންމީހުންވެސް ކެމެރާތަކުގެ ކުރިމަތީގައި އިށީނދެގެން ތިބީ ހަމަ އެއްގޮތަކަށެވެ. އެއަށްފަހު ހަނގުރާމައިގެ އަލިފާނުގައި ޕޮލެންޑް އަނދައަނދާ އޮތްވާ ޕޮލެންޑުގެ ސަރަޙައްދީ ރޮނގުތައް ބަދަލުކޮށް ޕްރޮޓޮކޯލެއްގައި ސޮއިކުރިއެވެ. ވޯރސޯގެ އެއްވެސް މީހަކު އެ ލިޔެކިއުންތަކެއް ލޮލުންވެސް ނުދެކެއެވެ. އޭގެ ދެ މަސް ފަހުން ރޫޒްވެލްޓް މަރުވިއެވެ. އަދި ވިންސްޓަން ޗާރޗިލް އޭގެ ހަމަސް ފަހުން ރައްޔިތުންގެ ވޯޓުން ބަލިވެ މަޤާމު ގެއްލުނެވެ. އެ ދެމީހުންނަށް ވުރެ އަށް އަހަރު އިތުރަށް ޖޯސޮފް ސްޓާރލިން ދުނިޔޭގައި ހުއްޓެވެ. އެކަމަކު، އެ ފޮޓޯ ތާރީޚުގެ ސަފުޙާތަކުގެ ތެރެއަށް ތާއަބަދަށް ވަދެގެން ދިޔައެވެ.

ދެން ތިރީގައިވާ ދެވަނަ ފޮޓޯއަށް ބަލާށެވެ. އެއީ، ސީނުކަރައިގެ ޝެންޒެންގެ ކައިލިން ވިލާގައި ބޭއްވުނު 33 ވަނަ އޭޝިއާ ޕެސެފިކް އިކޮނޮމިކް ކޯޕަރޭޝަން، އޭޕެކް ސަމިޓުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި އެތިބީ ޝީޖިން ޕިންއާއި، ލަޑިމިއަރ ޕޫޓިންއާއި، ޑޮނަލްޑް ޓްރަމްޕެވެ. ހަމަ އެއް ގޮނޑިތަކެކެވެ. ހަމަ އެއް ތަރުތީބެކެވެ. އިށީދެގެން ތިބީވެސް ހަމަ އެއްގޮތަކަށެވެ. އެކަމަކު، އެއް ކަމެއް ތަފާތެވެ. 1945 ވަނަ އަހަރު، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ އޮންނާނެގޮތް ކަނޑައެޅީ އެމެރިކާއާއި، ރަޝިޔާއާއި، އަދި އިނގިރޭސިވިލާތުންނެވެ. މިއަދު އެތަނުގައި އިނގިރޭސިވިލާތެއް ނެތެވެ. އިނގިރޭސިވިލާތުގެ މަޤާމު އަތުލުމަށް ސީނުކަރައަށް 81 އަހަރު ބޭނުންވިއެވެ.

މިއީ އެއްވެސް ފަރާތަކުން ރާވާފައިވާ ކަމެއް ނޫނޭ އެއްބަޔަކު ބުނާއިރު، އަނެއް ބަޔަކު ބުނަނީ، މިއީ ގަސްތުގައި ވަކިބަޔަކު ރާވާފައިވާ ކަމެއް ކަމަށެވެ. އެހެންވެއްޖެއްޔާ އަދި އެއީ މާ ނުރައްކާތެރި ކަމެކެވެ. މެދުގައިވާ ގޮނޑިއަށް ބަލާށެވެ. 1945 ވަނަ އަހަރު އެ ގޮނޑީގައި އިނީ އޭރުވެސް މަރާ ހަނގުރާމަކުރަމުން ދިޔަ މީހެކެވެ. އޭނާގެ ބަލި ޙާލަތު އެހައިމެ ބޮޑެވެ. 2026 ވަނަ އަހަރު މެދުގައިވާ ގޮނޑީގައި އިނީ ރަޝިޔާގެ ރައީސް ލަޑިމަރ ޕުޓިންއެވެ. އެއްވެސް ޤައުމަކަށް ރަޝިޔާގެ މަޤާމު އަތުލެވޭ ގޮތެއް އަދިއެއް ނުވެއެވެ. ދެން، ދެ ފޮޓޯގައިވާ މީހުންގެ އަތްތަކަށް ބަލާށެވެ. 1945 ވަނަ އަހަރު ބައްރެއް ފޮތިފޮތިކޮށްލީ އެ އަތްތަކުންނެވެ. 2026 ވަނަ އަހަރު އަނެއްކާވެސް ފޮތިފޮތިކުރާނީ ޔޫކްރޭނާއި، ޓައިވާނާއި، އަދި ގްރީންލޭންޑްތޯ ނިންމާނީ ހަމަ އެ އަތްތަކުންނެވެ.

އަދި ހަމައެކަނި ނެތްކަމެއް ފާހަގަކޮށްލާނަމެވެ. ހަތަރުވަނަ ގޮނޑިއެއް ނެތެވެ. 1945 ވަނަ އަހަރު ވެސް ހަތަރު ވަނަ ގޮނޑިއެއް ނެތެވެ. އަދި ހަމަ އެ ހަފްތާގައި ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ކުރެހި އިރު، އެ ޤައުމުތަކެއްވެސް އެ ކޮޓަރިއަކު ނެތެވެ. އަދި މި ހަފުތާގައިވެސް ޔުކުރޭނާއި، ޓައިވާނާއި އަދި ގްރީންލޭންޑްގެ ބަޔަކުވެސް އެ ކޮޓަރީގައި ނުތިބޭނެއެވެ. ގޮނޑިތައް އެއްގޮތެވެ. އެއީ އިއްތިފާޤުން ދިމާވި ކަމެއް ނޫނެވެ. އެއީ ބަޔަކު ފަރުމާކޮށްފައިވާ ގޮތެކެވެ. މި ހަފުތާގައި އެމީހުން ޗާޓެއްގައި ސޮއެއް ނުކުރާނެއެވެ. އެމީހުން ފޮޓޯއަކަށް އިށީދެލައިގެން ތިބީއެވެ. ކަރުދާހުގައި ސޮއި ކުރާނީ ފަހުންނެވެ. ތިބާއާ ހިސާބަށް އެ ކަރުދާސްތައް ތިލަވާއިރު އޮންނާނީ، އޭގެމައްޗަށް ޢަމަލުކުރުން ލާޒިމު އެއްޗަކަށް އެ ކަރުދާސްތައް ވެފައެވެ.

އަށްޑިހަ އެއް އަހަރު ފަހެވެ. ހަމަ އެ ތިން ގޮނޑިއެވެ. އެކަމަކު ބާރުގެ ތިލަފަތް ވަނީ ސީނުކަރައިގެ ކޮޅަށް ބުރަވެފައެވެ. މިވަގުތު ދުނިޔޭގައި ތިބި އެންމެ ބާރުގަދަ ތިން މީހުން އަތާއަތްޖޯޑުކޮށް ސަލާމްކުރިތަން ހުރިހާ އެންމެން ބަލަބަލައި ތިއްބާ، އަނެއްކާވެސް ދުނިޔެ ވަކިގޮތަކަށް ތަރުތީބުވެގެން ދަނީ ހެއްޔެވެ؟ މިފަހަރު، މުޅި އެމެރިކާ ބައްރާއި، ގްރީންލޭންޑާއި، ޖަޕާނު އެމެރިކާއަށް ހެއްޔެވެ؟ އަދި މުޅި ދެކުނު އޭޝިއާއާއި، އޮސްޓްރޭލިޔާއާއި އަދި ނިއުޒީލޭންޑް ސީނުކަރައަށް ހެއްޔެވެ؟ އަދި ވިލާތުގެ ހުރިހާ ޤައުމުތަކާއި، މެދުއިރުމައްޗާއި، އެފްރިކާ ބައްރު ރަޝިޔާއަށް ހެއްޔެވެ؟ އޭރުން ދުނިޔޭގައި އޮންނާނީ ތިން ސްޕަރ ޕަވަރުތާއެވެ.

Related News