އަދި ހަމައެފަދައިން ސުންނަތް ޖަމާޢަތަށް ތަބާވާ ޢަރަބި މުސްލިމުންގެ ބޮލުގައިވެސް އެ ތުހުމަތުތައް އެޅުވުނެވެ. މި ދައްކަނީ 18 ވަނަ ޤަރުނުގެ ތެރޭގައި މުޙައްމަދު ބިން ޢަބުދުލް ވައްހާބު ނަމަކަށް ކިޔާ މީހަކު، އޭނާގެ ވައްހާބީ ނަޒަރިއްޔާ ފަތުރަން މަސައްކަތް ކުރި ދުވަސްވަރުގެ ވާހަކައެވެ.
މުޝްރިކުންނާއި، ބިދުޢަވެރިންނާއި، ކާފިރުންގެ ގޮތުގައި މުސްލިމުން ލޭބަލް ކުރުމުގެ އެ ޓްރެންޑް، ސިލްސިލާ ގޮތެއްގައި ކުރިއަށްގޮސް ވައިގައިހިފީ އިނގިރޭސި ސާމުރާޖީންނާއި، ވައްހާބީ ނަޒަރިއްޔާގެ މަދަދު ލިބިފައިވާ އާލު ސަޢޫދުން ޢަރަބި ދުނިޔޭގައި ތިބި ތުރުކީންނާ ދެކޮޅަށް ތެދުވި ހިސާބުންނެވެ. 1915 ވަނަ އަހަރު ނަޖުދުގެ ވެރިޔާ އިބްނު ސަޢޫދު ނުވަތަ ޢަބުދުލްޢަޒީޒު ބިން ޢަބުދުއްރަޙުމާން އާލު ސަޢޫދު އިނގިރޭސިންނާއެކު "ޑާރިން މުޢާހަދާ" ގައި ސޮއިކުރިއެވެ. އެ މުޢާހަދާގެ ދަށުން އިބްނު ސަޢޫދާއި، ވައްހާބީން ވެގެން ދިޔައީ އިނގިރޭސީންގެ މަސްލަޙަތު ޙިމާޔަތްކުރާ ބަޔަކަށެވެ. އޭގެ ބަދަލުގައި އިބްނު ސަޢޫދަށް 20،000.00 ޕައުންޑުގެ ލޯނަކާއި، އެތައް ބައިވަރު ހަތިޔާރާއި، އަދި ކޮންމެ މަހަކު ހިލޭ އެހީގެ ގޮތުގައި 5،000.00 ޕައުންޑު ދެވުނެވެ. އެގޮތުން އިސްލާމީ އުއްމަތް އިނގިރޭސި އިސްތިޢުމާރީންނަށް ވިއްކައިލެވުނެވެ.
ޙިޖާޒުގައި މުސްލިމުންގެ ޤަތުލުއާންމުތަކަށްފަހު، ވައްހާބީން އުފާފާޅުކޮށް އިޙުތިފާލުކުރިއެވެ. މިވާހަކަތަކަކީ މުބާލަޣާކޮށްގެން ނުވަތަ މިނަށްވުރެ ބޮޑުކޮށްގެން ދައްކާ ވާހަކައެއް ކަމަށް ހީވާނަމަ، އެދުވަސްވަރުގެ ވައްހާބީ އެންމެ އިސް މުފުތީ ޝެއިޚު ސުލެއިމާން އިބްނު ސަޙުމާންގެ ތާރީޚީ ފަތުވާއަށް ބަލާށެވެ. އެ ފަތުވާއަކީ މިކަމުގެ ވަރަށް ސާފު ހެއްކެކެވެ. އެ ފަތުވާ މިއަދުވެސް ކިންގް ސަޢޫދު ޔުނިވަރސިޓީގެ ކުތުބުޚާނާގައި ފަރައްކާ ނުވަތަ ޕްރިޒާވް ކޮށްފައި އެބަ އޮތެވެ. ބަލަން ބޭނުންނަމަ ޑައުންލޯޑްކޮށްގެން ހަމަ ބަލަންވީއެވެ. އެފަތުވާގައި ވަރަށް ސާފުކޮށް ބުނެފައިވަނީ އުސްމާނީ ޚިލާފަތާއި ގުޅިފައިވާ މީހުންނާއި، އަދި ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނަކީ ކާފިރުންނާއި، މުޝްރިކުން ކަމުގައެވެ. އަދި އެމީހުންގެ ކާފިރުކަން ޔަހޫދީންނާއި، ނަޞާރާއިންނަށް ވުރެވެސް ބޮޑުކަމުގައެވެ. އެދުވަސްވަރު މުސްލިމުންގެ އަޣުލަބިއްޔަތު އޮތީ ކޮންމެވެސް އެއް ސޫފީ ސިލްސިލާއަކާ ގުޅިފައެވެ. އަދި އެއީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ މައިބަދަ ކަމުގައި ތަޞައްވުރު ކުރެވެއެވެ. ސުލެއިމާން އިބްނު ސަޙުމާން ބުނާގޮތުން އެފަދަ މުސްލިމުންނަކީ އަބޫޖަހުލަށް ވުރެ ވެސް ނުބައިކަން ބޮޑު ބައެކެވެ. އެ ފަތުވާގައި ހައިރާންވާ ވަރުގެ އެހެން ވާހަކައެއްވެސް ލިޔެފައިވެއެވެ. އެއީ އުސްމާނީ ޚިލާފަތާއި، އިނގިރޭސިންނާއި ދެމެދު ހަނގުރާމައެއް ހިނގައި، އެ ހަނގުރާމައަކުން އިނގިރޭސިން މޮޅުވެއްޖެނަމަ، ޙަޤީޤީ މުސްލިމުން ޔަޢުނީ ވައްހާބީން އުފާފާޅުކޮށް އިޙުތިފާލު ކުރަންޖެހޭނެ ވާހަކައެވެ. ސަބަބަކީ އިނގިރޭސިން އަތުން މަރުވެ، ހަލާކުވެގެން ގޮސްފައިވަނީ މުރުތައްދުންނާއި، މުޝްރިކުން ކަމަށް ވީތީއެވެ. ހަނދާންކުރަން ޖެހޭ ކަމަކީ އެދުވަސްވަރު އުސްމާނީ ޚިލާފަތު ހުދޫދުވެފައި އޮތީ ހަމައެކަނި ތުރުކީއަކު ނޫނެވެ. ސީރިއާއާއި، ފަލަސްޠީނާއި، މައްކާއާއި އަދި މަދީނާވެސް ހިމެނޭގޮތަށް ޙިޖާޒަކީވެސް އުސްމާނީ ޚިލާފަތުގެ ބައެކެވެ. ސުލެއިމާން އިބްނު ސަޙުމާން ބުނާގޮތުން އެ ތަންތާގައި އުޅޭ ހުރިހާ އެންމެންނަކީވެސް ކާފިރުންނެވެ. އަދި މުރުތައްދުންނެވެ. ވީމާ، އެފަދަ މީހުން މަރުވުމުން އުފާފާޅުކޮށް، އިހުތިފާލުކުރުން ހަމައެކަނި ހުއްދައީއެއް ނޫނެވެ. އަދި ކިއެއްތަ، އެއީ ބޮޑުވެގެންވާ ވާޖިބެކެވެ. އެ ފަތުވާއަކީ ޙައްޤު ތެދުކަމަށް ޝެއިޚު ޢަބުދު الله ބިން ޢަބުދުއްލަޠީފު ވަނީ އިޢުލާން ކޮށްފައެވެ. ޢަބުދު الله ބިން ޢަބުދުއް ލަޠީފަކީ މުޙައްމަދު ބިން ޢަބުދުލް ވައްޙާބުގެ ދަރިކޮޅުގެ ބޭކަލެއްގެ އިތުރުން އޭނާއަކީ ކިންގު ފައިސަލްގެ ކާފައެވެ. އޭނާއަކީ އެދުވަސްވަރުގެ ވައްޙާބީ އެންމެ ބޮޑު އެއް ޢާލިމެވެ. އަދި އޭނާއަކީ އިބްނު ސަޢޫދުގެ އިސް އުސްތާޛުވެސް މެއެވެ.
23 ސެޕްޓެމްބަރ 1932 ގައި ނަޖުދުކަރައާއި، ޙިޖާޒުކަރަ އެއްކޮށްލުމަށްފަހު މި ޒަމާނުގެ ސަޢޫދީ ޢަރަބިއްޔާގެ ބިންގާ އެޅީ އިބްނު ސަޢޫދެވެ. އިބްނު ސަަޢޫދަކީ، ސުންނީ މުސްލިމުންނަށް ވުރެ ޔަހޫދީންނާއި، ނަސާރާއިން ރަނގަޅު ކަމަށް ޤަބޫލުކުރާ ވައްޙާބީ ފިކުރުގެ މަތީގައި ސާބިތުވެ ހުރި މީހެކެވެ. މިވާހަކަ، މަޝްހޫރު އިނގިރޭސި އޮފިސަރު އަދި މުސައްނިފު ހެރީ ސެއިންޓް ޖޯން ބްރިޖަރ ފިލްބީ ވަނީ ކަށަވަރުކޮށް ދީފައެވެ. ވައްހާބީން ނޫން އެހެން މުސްލިމުންނަކީ ޔަހޫދީންނާއި، ނަސާރާއިންނަށް ވުރެ މާ ދަށު ދަރަޖައިގެ ބައެއް ކަމަށް އޭނާ ގާތު ޚުދު އިބްނު ސަޢޫދު ބުނިކަމަށް އޭނާ ލިޔެފައިވެއެވެ. އިބްނު ސަޢޫދު ސުންނީ މުސްލިމުން ދެކެ ނަފުރަތު ކުރި މިންވަރު، އޭނާ ހިންގި ޤަތުލުއާންމުތަކުން ސާފުކޮށް އެނގެއެވެ. އަދި އެކަން ވަނީ ތާރީޚު ޢިލްމުވެރިން އެމީހުންގެ ގަލަންތަކުން ލިޔެ ފަށްފުށްތަކުގައި ރައްކާ ކޮށްފައެވެ. ޙަޤީޤަތުގައި، މިޒަމާނުގައި މިދެކޭ ސަޢޫދީ ޢަރަބިއްޔާގެ ބިންގާ އެޅީ ވައްހާބީ އިނގިރޭސި އިއްތިހާދުންނެވެ. އޭގެ ސަބަބުން މައްކާއާއި އަދި މަދީނާ ހިމެނޭ ޙިޖާޒު އެމީހުންގެ ބާރުގެ ދަށަށް ދިޔައެވެ.
އަދި ޢަރަބި ދުނިޔޭގެ ހިތުގައި އިޒުރޭލޭ މިކިޔޭ ސަޙުޔޫނީ ދައުލަތް ޤާއިމުކުރުމުގެ ހުއްދަ ދިނީވެސް ހަމަ އެ އިއްތިހާދުންނެވެ. މިއަދު ފަލަސްޠީނަށް ކުރިމަތިވެފައިވާ ހިތާމަވެރި ޙާލަތާއި، އިޒުރޭލުގެ ލަދެއް ޙަޔާތެއް ނެތް ލާއިންސާނީ އަނިޔާވެރި ސިޔާސަތަކީ، އެތައް ޤަރުނެއްވީ ވައްހާބީ އިނގިރޭސި ތަދުބީރުގެ ނަތީޖާއެވެ. ވައްހާބީންނާއި، އާލު ސަޢޫދުންނަކީ އަބަދުވެސް އިސްލާމީ އުއްމަތަށް ޣަދަރުވެރިވެފައިވާ އަދި އުއްމަތުގެ މެއަށް ވަޅި ހަރާފައިވާ ބައިގަނޑެކެވެ. ވައްހާބީންގެ މުޅި މި ދާސްތާން ބަޔާން ކުރުމުގެ އޮތީ މައިގަނޑު ދެ މަޤުޞަދެކެވެ. ފުރަތަމަ ކަމަކީ މިހާރުގެ ބައިނަލްއަޤުވާމީ މުޢައްސަސާތަކުން އާލު ސަޢޫދާއެކު ޤާއިމުކޮށްފައިވާ ފާޅުކަންބޮޑު އިއްތިޙާދުގެ ސިޔާސީ މަޤުޞަދަކީ ފަލަސްޠީނުގެ މައްސަލައަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ޙަމަލާކަން ބަޔާންކޮށް ދިނުމެވެ. ދެވަނަ ކަމަކީ، މުޝްރިކުންނާއި، ބިދުޢަވެރިންނާއި، ޤަބުރަށް އަޅުކަންކުރާ މީހުންގެ ގޮތުގައި ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ބޮލުގައި އަޅުވާފައިވާ ލޭބަލަކީ، ދެކުނު އޭޝިއާއިން އުފަންވެފައިވާ ލޭބަލެއް ނޫންކަން ބަޔާންކޮށް ދިނުމެވެ. އެ ލޭބަލްގެ ތާރީޚު ގުޅިފައިވަނީ ސީދާ ނަޖުދުކަރައާއެވެ.
މަޝްހޫރު މުސްލިމް މުފައްކިރު އަދި މުޙައްރިކު ޑެނިއެލް ހަގީގަތުޔޫ 09 މާރިޗު 2026 ގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
"ހުޅަނގުގެ ޙަމަލާ މުސްލިމުންގެ ކޮންމެ ޖަމާޢަތަކަށް އަމާޒު ވިޔަސް، ވައްހާބީން އެ މުސްލިމު ޖަމާޢަތެއް ކާފިރުކޮށް، ދީނުން ބޭރު ކުރެއެވެ."
އިނގިރޭސިން، އުސްމާނީ މުސްލިމުންނަށް ޙަމަލާ ދިނުމުން ވައްހާބީން ޢިލްމުވެރިން ބުނީ އުސްމާނީ މުސްލިމުންނަކީ ސޫފީ މުޝްރިކުން ކަމުގައެވެ. އެމެރިކާ މީހުން ޢިރާޤަށް ޙަމަލާ ދިނުމުން، ވައްހާބީން ބުނީ ޢިރާޤުގައި ތިބީ ބަޢަޘީ އިލްހާދީން ކަމުގައެވެ. އެމެރިކާ މީހުން އަފްޣާނިސްތާނަށް ޙަމަލާ ދިނުމުން، ވައްހާބީން ބުނީ އަފްޣާނިސްތާނުގައި ތިބީ މުރުތައްދުވެފައިވާ ޞޫފީ މުޝްރިކުން ކަމުގައެވެ. އިޒުރޭލުން ޣައްޒާއަށް ޙަމަލާ ދިނުމުން ވައްހާބީން ބުނީ ޣައްޒާގެ މުސްލިމުންނަކީ ޤަބުރަށް އަޅުކަން ކުރާ މުޝްރިކުން ކަމުގައެވެ. އަދި، އެމެރިކާއާއި، އިޒުރޭލުން އީރާނަށް ޙަމަލާ ދިނުމުން، މިއަދު ވައްހާބީން ބުނަނީ އީރާނުގެ މުސްލިމުންނަކީ ރާފިޟީ ކާފިރުން ކަމުގައެވެ.





