ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ އިމާރާތްތަކާއި މުދަލަށް ގެއްލުން ވުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ޖަޕާނުގެ ބޮޑުވަޒީރު، ތަކައިޗީ ސަނާއޭއަށް ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީގެ މެސެޖުގައި، ވިދާޅުވެފައިވަނީ ޖަޕާނަށް ދިމާވި މިކާރިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ހަމްދަރުދީއާއި ތަޢުޒިޔާ ރައްދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހިތާމަވެރި މި ކާރިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިޚުލާސްތެރި ތަޢުޒިޔާ ފޮނުއްވައި، އަނިޔާވެ، ގެދޮރު ގެއްލުނު އަދި މި ކާރިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު ސާބިތުކަމާއެކު ހުންނެވިކަން ރައިސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ. މި ހިތާމަވެރި ދަނޑިވަޅުގައި، ލިބުނު ގެއްލުންތަކުން އަރައިގަނެ، ޤައުމު އަލުން އާރާސްތުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާ ޖަޕާނުގެ ރައްޔިތުންނާއެކު ވާކަމުގައި ވެސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަމުން، ވިދާޅުވެފައިވަނީ ޖަޕާނުގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޖަޕާނުގެ ރައްޔިތުންނަށް ހެޔޮ ދުޢާކުރައްވައި، ހިތްވަރާއި ސާބިތުކަން ލިބި، އަވަސް މުއްދަތެއްގެ ތެރޭގައި އެޤައުމު އާންމު ހާލަތަށް ރުޖޫޢަވުމަށް އެދިވަޑައިގަންނަވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.





