ދިވެހި|English Jul 30, 2026 · 01:50
Top banner
Advertisement
މިއީ ޝޯ ހުއްޓުވާލި ސަބަބު ސާފުކޮށް ބުނަން ނުކެރުނު ފިނޑި ސަރުކާރެއް: ފައްޔާޒުފައްޔާޒު އިސްމާއީލް
News

މިއީ ޝޯ ހުއްޓުވާލި ސަބަބު ސާފުކޮށް ބުނަން ނުކެރުނު ފިނޑި ސަރުކާރެއް: ފައްޔާޒު

މމުހައްމަދު އަލީJul 29, 2026

އޮސްޓްރޭލިއާގެ މަޝްހޫރު މިޔުޒިކް ބޭންޑެއް ކަމަށްވާ "ބިޔޯން  އަގެއިން" އިން މާލޭގައި މާދަމާރޭ ބާއްވަން އުޅުނު ޝޯ ހުއްޓުވާލި ސަބަބު ސާފުކޮށް ބުނަން މިސަރުކާރަށް ނުކެރުނު ކަމަށާއި މިއީ ފިނޑި ސަރުކާރެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ "މިއީ ޝޯ ހުއްޓުވާލި ސަބަބު ސާފުކޮށް ބުނަން ނުކެރުނު ފިނޑި ސަރުކާރެއް. ޝޯ ބޭއްވުމަށް ހުއްދަ ހޯދައި، އިޝްތިހާރުކުރާތާ 50 އަށްވުރެ ގިނަ ދުވަސްވީފަހުން ކުއްލި ގޮތަކަށް ސޯޝަލް ސެންޓަރު އަތުލުމުން ބައިވެރިވާ ވިޔަފާރިތަކަށް އެ ލިބުނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޝޯ ބާއްވަން އުޅުނު ސޯޝަލް ސެންޓަރު ކުއްލިގޮތަކަށް ސަރުކާރުން އަތުލުމުން ލިބުނު ގެއްލުމުގެ ބަދަލު މި ހަރަކާތް އިންތިޒާމްކުރި ފަރާތަށް ދައުލަތުން ދޭންޖެހޭނޭ ކަމަށެވެ. "އެ ބަދަލު މިކަން ކުރި މިނިސްޓަރުގެ އަތުން ދައުލަތަށް ހޯދަން ޖެހޭނެ. މިގޮތަށް ބައެއްގެ ވިޔަފާރި ހަލާކުކޮށްލުމުގެ ފުރުސަތު ސަރުކާރަށް އޮވެގެން ނުވާނެ. ހުއްދަ ދޫނުކުރިނަމަ އެ ވިޔަފާރިތަކަށް އެހާ ބޮޑު ގެއްލުމެއް ނުވީސް،" ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައިވަނީ "ފަންނުވެރިކަމާއި އަމިއްލަ ވިޔަފާރިތަކަށް މިހާ ގެއްލުންދޭ މިހާ ދެކޮޅުނުޖެހޭ ލަދުވެތި ވާހަކަދައްކާ ބަޔަކު އަދި ނުފެނޭ،" ކަމަށެވެ.

ފައްޔާޒު މިހެން ވިދާޅުވީ ކުއްލި ގޮތަކަށް ސޯޝަލް ސެންޓަރު އަތުލެއްވި ސަބަބު ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢު ހާމަކުރައްވާފައި ވަނިކޮށްނެވެ. މިނިސްޓަރ ބައެއް ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ސޯޝަލް ސެންޓަރުގައި ޝޯ ނުބޭއްވޭނޭ ކަމަށް އެންގެވީ އެތަނުގެ ސްޓޭޖަށް ދިމާވި ކުއްލި މައްސަލަތަކެއް ދިމާވުމުން ކަމަށެވެ. އެހެން ކަމުން ޝޯ ބާއްވާތަން އެހެން ތަނަކަށް ބަދަލު ކުރުމަށް އެދުނު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެ ޝޯ ކެންސަލް ކުރަން ނިންމި ނިންމުމަކީ "ބިޔޯން އަގެއިން" ގެ އަމިލަ ކަމެއް ކަމަށް ވެސް  މިނިސްޓަރ ވިދާޅުވިއެވެ. ސޯޝަލް ސެންޓަރަށް ދިމާވި މައްސަލައަކީ ފުރާޅުން ފެން ލީކުވުމާއި ކަރަންޓު ވަޔަރިން މައްސަލަތަކެއް ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވަނީ ބައެއް ނޫސްތަކަށް ކަށަވަރު ކޮށްދެއްވައިފައެވެ.

އެ މަސައްކަތައް ކުރިއަށްދާތީ ޝޯ ހުޅުމާލެ ނުވަތަ ފޭދޫފިނޮޅަށް ބަދަލު ކުރުމަށް އެދުނު ކަމަށް މިނިސްޓަރ ވިދާޅުވެފައެވެ. އެހެންނަމަވެސް ޝޯ ކެންސަލް ކުރަން ބޭންޑުން ނިންމީ ވަގުތު ކުޑަތަންވެފައިވާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝޯ އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ ޝޯ ކެންސަލް ކުރީ ވަގުތު ކުޑަތަންވުމާއި އެފަދަ ޝޯއެއް ބޭއްވޭނޭ އިތުރުތަނެއް މާލޭގައި ނެތުމުން ކަމަށެވެ. އަދި ސޯޝަލް ސެންޓަރުގައި ޝޯ ނުބޭއްވޭނޭ ކަމަށް އެންގިއިރު ގިނަ އަދަދެއްގެ ޓިކެޓުތައް ވަނީ ތިން ކެޓަގަރީއަކުން ވިކިފައި ކަމަށްވެސް ވަނީ ބުނެފައެވެ. ހާހެއްހާ ޓިކެޓު އޭރު ވަނީ ވިކިފައެވެ. އެފަރާތުން ބުނެފައިވަނީ ޝޯ ކެންސަލްކުރަން ޖެހުނުއިރު އެބޭންޑުގެ މެންބަރުން ވެސް ރޭ ވަނީ މާލެއައިސްފައި ކަމަށެވެ. މިކަމާ އެމީހުންވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ.

އޮގަނައިޒަރ އުބާ އިވެންޓުން ބުނެފައިވަނީ ފަހު ވަގުތު ޝޯ ކެންސަލް ކުރަން ޖެހުމުން އެމީހުންނަށް ވެސް ބޮޑު ގެއްލުމެއްވާނޭ  ކަމަށެވެ.

މި ޝޯ ކެންސަލް ކުރަން ޖެހުމުން ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

 

Related News