އޭނާ މިހެން ވިދާޅުވީ "ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިނގިރޭސިބަސް ކިޔަވައިދޭނޭ ޓީޗަރުން ތަމްރީނުކުރާ ކޯސް ފެށުމަކީ "ވަޔަބަލް" ކަމެއްނޫންކަމަށް ނިންމައި، ކޯހުން ޖާގަ ހޯދި ދަރިވަރުންނަށް އެކަންއަންގައި، ކޯސް ނުފެށުމަކީ ކަންބޮޑުވާންޖެހޭވަރުގެ ކަމެއް ނޫންބާވައޭ" ވިދާޅުވެ ސުވާލު ވެސް ކުރެއްވުމަށްފަހުއެވެ.
އިބްރާހީމް އިސްމާޢީލް ވިދާޅުވީ ފްލެޓާއި އެއަރޕޯޓް ހެދިޔަކަސް އަދި މި ޤައުމެއް ދެމިއެއްނޯންނާނޭ ކަމަށެވެ. މި ޤައުމު ދެމިއޮންނާނީ ދުނިޔޭގެ އެހެން ޤައުމުތަކާ އެއްސަފުގައި ފައިހަމަކޮށްލާނޭ ތަޢުލީމީ، އުނގެނިގެންތިބި، ޖީލުތަކެއް އުފެއްދިގެން ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
"އަހުރެންދެކޭގޮތުގައި، އިނގިރޭސިބަސް، ނުވަތަ ހިސާބު، ނުވަތަ ދިވެހިބަސް ކިޔަވައިދޭން ތަމްރީނުވުމުގެ ޝައުޤުވެރިކަންހުރި އެންމެ ދަރިވަރަކު ބައިވެރިވިޔަސް، ޤައުމީ ޔުނިވަރސިޓީން އެ ކޯހެއް ހިންގާންވާނެއެވެ. ޤައުމީ ޔުނިވަރސިޓީގެ ބޭނުމަކީ ޕްރައިވެޓް ތަންތަނަށް "ވަޔަބަލް" ނުވާތީ ނުހިންގާ، އެހެންނަމަވެސް ޤައުމަށް އޭގެ މުހިންމުކަން ބޮޑު ދާއިރާތަކުން މީހުން އުފެއްދުމެވެ."
މިކަން މިހެން ނުވާކަމަށްވާނަމަ، ސަރުކާރުން ޚަރަދުކޮށްގެންވިޔަސް، ރާއްޖެއިން ބޭރަށް އެކުދީން ފޮނުވައިގެންވެސް، އެކުދީން ތަމްރީނުކުރާންޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.





