ދިވެހި|English Aug 12, 2026 · 16:36
Top banner
Advertisement
މުޒާހަރާ ކުރަން ނިންމީ ސަރުކާރުގެ ދޯހަޅި އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން: އެމްޑީޕީ ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހާ ދެކޮޅަށް އެމްޑީޕީން އަޑު އުފުލަނީ
News

މުޒާހަރާ ކުރަން ނިންމީ ސަރުކާރުގެ ދޯހަޅި އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން: އެމްޑީޕީ

މމުހައްމަދު އަލީAug 12, 2026

"ދަތިވެއްޖެ" ގެ ނަމުގައި މުޒާހަރާކުރަން ނިންމީ މި ސަރުކާރުގެ ދޯހަޅި އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް ދަތިވެފައިވާތީ ކަމަށް އެމްޑީޕީން ބުނެފިއެވެ. މި މުޒާހަރާގައި ރައްޔިތުންގެ ޝުއޫރު ހުރިގޮތް ސަރުކާރަށް އިއްވާނޭ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިފަދަ ސިޔާސީ ހަރަކާތްތަކަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ. އެ މުޒާހަރާކުރުމަށް މަޖީދީ މަގު ހިޔާރުކުރީ ވީހާވެސް ގިނަ ބަޔަކަށް މުޒާހަރާގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުންވެސް މިކަމަށް އެއްބާރުލުން ދޭން ނިންމާފައިވަނީކޮށް ހޯމްމިިނިސްޓަރު މިކަމަށް ހުރަސް އަޅުއްވާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަކީ ޑިމޮކްރެސީގެ އަސާސެއް ކަމަށާއި، އެ އަސާސީ ހައްގުގެ ބޭނުންކޮށް، އިހުތިޖާޖު ކުރުމުގެ ފުރުސަތު ނުދޭނޭކަމަށް މިނިސްޓަރު ވިދާޅުވި ވާހަކަފުޅަކީ، މިއީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމު ނުކުރާ ސަރުކާރެއްކަން ހާމަކުރުމަށް ކުރެއްވި އިއުލާނެއް ކަމަށް އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

އެމްޑީޕީން ބުނެފައިވަނީ މުޒާހަރާ ކުރަން ނިންމުމަށްފަހު އެޕާޓީގެ އިންތިޒާމް ކޮމިޓީން ވަނީ ފުލުހުންގެ ގްރައުންޑް ކޮމާންޑަރުންނާ ބައްދަލު ކޮށްފައި ކަމަށެވެ. އެ ބައްދަލުވުމުގައި އެދިފައިވާނީ މަޖީދީ މަގުގައި މި މުޒާހަރާ ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވުމަށް ކަމަށް ވެސް ބުނެފައިވެއެވެ. "މައި މަގުތަކުގައި މިވަގުތު މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ މަޖީދީ މަގު ފިޔަވައި މުޒާހަރާކުރުމަށް އެކަށީގެންވާ މަގެއް ނުވެސް ނެތްކަމަށާއި އެހެންވީމާ އެފަދަ މުޒާހަރާއެއް ކުރިއަށް ގެންދެވޭނީ ވެސް މަޖީދީ މަގުގައި ކަމަށް ފުލުހުން އެ ބައްދަލުވުމުގައި ވިދާޅުވިއެވެ. ފުލުހުން މިހެން ވިދާޅުވިނަމަވެސް، މި ފާއިތުވެދިޔަ ތަނުގައި ކަންހިނގާފައި އޮތްގޮތަށް ބަލައި، މި މުޒާހަރާ މަޖީދީމަގުގައި ކުރިއަށް ގެންދިއުމަށް ފަހުވަގުތު ފުރުސަތު ނުދީފާނޭ ކަމުގެ ކަންބޮޑުވުން މި ޕާޓީގެ އިންތިޒާމު ކޮމިޓީގެ މެންބަރުން އެވަގުތު ވެސް ފާޅުކުރި އެވެ. އެހެންނަމަވެސް ފުލުހުންގެ ގްރައުންޑް ކޮމާންޑަރުން ވިދާޅުވީ 'މިފަހަރު އެހެން ނުވާނެ' ކަމަށެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި މި ކަށަވަރުކަން ލިބިފައިވަނިކޮށް، މިއަދު ހޯމް މިނިސްޓަރު އަލީ އިހުސާނު ވަނީ މަޖީދީ މަގުގައި މުޒާހަރާކުރުމުގެ ހުއްދަ މި ޕާޓީއަށް ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. މިއީ ފުލުހުންގެ ފަރާތުން ދީފައި އޮތް ކަށަވަރުކަމާ ހިލާފަށް، ފުލުހުންގެ ބަހުގެ އިތުބާރު ގެއްލޭ ގޮތަށް މިނިސްޓަރު ދައްކަވާފައިވާ ވާހަކަފުޅެކެވެ."

މަޖީދީ މަގުގައި މުޒާހަރާކުރުމުގެ ފުރުސަތު ނުދެއްވާނޭކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެފައިވީނަމަވެސް، އެމްޑީޕީގެ އިންތިޒާމު ކޮމިޓީއާ ބައްދަލުކުރެއްވި ފުލުހުންގެ ބަހާ އެއްގޮތަށް، މި މުޒާހަރާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މަޖީދީ މަގުގައި ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. "ވީހާވެސް ގިނަ ރައްޔިތުން މި މުޒާހަރާގައި ބައިވެރިވުމަށް މި ޕާޓީން އެދެމެވެ. އަދި މި މުޒާހަރާގެ ބައިވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދީ، މުޒާހަރާކުރުމުގެ ހައްގުގެ ބޭނުން ހިފުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ގޮވާލަމެވެ." 

މި މުޒާހަރާ ކުރުމަށް އެމްޑީޕީން ނިންމީ މިއިން ޒަމާނަކު ތަކެތީ އަގު މައްޗަށް ނުދާހާ މިންވަރަށް ތަކެތީގެ އަގުބޮޑުވެ، ރުފިޔާގެ އަގު ދަށްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޑޮރަލު ލިބޭ އަގު އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އޭގެ އިތުރުން މިކަންކަން ހައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަމަަށް ވެސް އެމްީޕީން ވަނީ ބުނެފައެވެ. މުޒާހަރާ ބާއްވަނީ މިކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ. މުޒާހަރާ ބާއްވާނީ މި މަހުގެ 13 ދުވަހުގެ ރޭ ގައެވެ.

Related News