ދިވެހި|English Aug 25, 2026 · 15:31
Top banner
Advertisement
ހިފެހެއްޓުމެއްނެތި ޑޮލަރުގެ އަގު އުފުލެނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން: ފައްޔާޒު
News

ހިފެހެއްޓުމެއްނެތި ޑޮލަރުގެ އަގު އުފުލެނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން: ފައްޔާޒު

މމުހައްމަދު އަލީAug 25, 2026

އެއްވެސް ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު ރާއްޖޭގައި އުފުލެމުންދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން، ޚަރަދު ކުޑަނުކުރާތީ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ސިފަ ކުރައްވާފައިވާ ގޮތުގައި ރަސްމާލެ ހިއްކުމާއި، އަސްކަރީ ޑްރޯނާއި ހަތިޔާރު ގަތުމާއި، މުސާރައަށް ބިލިއަނުން ޚަރަދުކުރުމަކީ އިސްރާފެކެވެ. ކޮރަޕްޝަނާއި ވައްކަން ވެސް މީގެ ތެރޭގައި ފައްޔާޒު ހިމަނާފައިވެއެވެ. "އެކަމުގެ ޒިންމާ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ބޮލުގައި ނޭޅުވޭނެ. މި ސަރުކާރުން ޕްރައިވެޓް ސެކްޓަރ އެއްކޮށް ފުނޑާލިއިރު ބޭރުން ފައިސާއެއް އަދި އިންވެސްޓްމަންޓެއް ވެސް ނުގެނެވުނު. ރައީސް އޮފީހުގެ ގޮފިތަކެއް ގޮތަށް ބީއެމްއެލް އާއި އެމްއެމްއޭ ބަދަލުކޮށް، މާރުކުރާ ޑޮލަރު ބޭނުންކުރަމުންދަނީ ސިޔާސީ އަޗާތެޅުމާއި އިގުތިސާދަށް މަންފާނުވާނެ ހަރަކާތްތަކަށް،" ފައްޔާޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިސަރުކާރުން ވަނީ ގާނޫނީ އިމުގެ ބޭރުން 2.4 ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސޯދުގެ ތެރެއަށް މިދިޔަމަހު ވައްދާފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. "މިއަދު އެ ދިމާކުރަނީ ދިވެހި އިގުތިސޯދުގެ މައި އިންޖީނު ހިންގައިދޭ ރިސޯޓު މުވައްޒަފުންނާ. އެ އުޅެނީ ސަރުކާރުގެ ބޮޑު އިސްރާފަށް އެތައް ހާސް ދިވެހިންނެއްގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ފަންޑުކުރަން،" އޭނާ ވިދާޅުވެފައިވެއެވެ. ހަމަ މިގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ކުރަން ޖެހޭ ޚަރަދުތަކަށް ބޭނުންވާ ބޭރުފައިސާގެ މިންވަރަށް ބެލުމެއްނެތި އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާ ސަރުކާރުގެ އިސްރާފު ތަކަށް ޚަރަދު ކުރުމަށް މާރުކުރަން މަޖުބޫރު ކުރުމަކީ އެ ވިޔަފާރިތައް ފުނޑި ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސްޖެހުން ގެނުވާނޭ ފަދަ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފައްޔާޒު ވިދާޅުވެފައިވަނީ ދިވެހި އިގުތިސާދުގެ ވިންދަކީ ޓޫރިޒަމް ވިޔަފާރިއާއި، މަސައްކަތްތެރީން ކަމަށެވެ. ޓޫރިޒަމް ވިޔަފާރި އިނދަ ޖައްސާލުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

 ފައްޔާޒު ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރުއޮތް ސަރުކާރު ފެށުނުއިރު ޑޮލަރުގެ އަގުހުރީ 17.50ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް އެ އަދަދު މިހާރުވަނީ 23 ރުފިޔާ ފަހަނައަޅައި ގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. މިކަން މިހެންވީ ސަރުކާރުން ތަންފީޒުކުރަން ފެށި ސިޔާސަތުތައް މަދުވެގެން  ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "މި ސަރުކާރުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަޕޯޓު ފީތައް ބޮޑުކޮށްފި. ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފި. އީ ކޮމާސް ސައިޓުތަކުން 30 ޕަސެންޓު ދަނީ ނަގަމުން،" ފައްޔާޒު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ ތާރީޚުގައި ވެސް ސަރުކާރަކަށް ޑޮލަރުން އާމްދަނީ ނުލިބޭ މިންވަރަށް މި ސަރުކާރަށް ދަނީ ލިބެމުން ކަމަށެވެ. ސަރުކާރުން އަޅަމުންދާ ފިޔަވަޅު އަޅަންވާނީ ޚަރަދު ކުޑަކުރުމާ އެކުއެކީގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ދުނިޔެއަށް ދިމާވި ކޮވިޑު ވަނާގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނުއިރު ވެސް ރާއްޖޭގެ އިގުތިސާދު ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް މި ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދު ވައްޓާލާފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

Related News