ދިވެހި|English Sep 13, 2026 · 06:15
Top banner
Advertisement
ރަށްތައް ހިފެހެއްޓިފައި ހުރުމަކީ އިގްތިސާދީ ގޮތުން ބޮޑު ގެއްލުމެއްވާނޭ ކަމެއް: ފިރާގު
News

ރަށްތައް ހިފެހެއްޓިފައި ހުރުމަކީ އިގްތިސާދީ ގޮތުން ބޮޑު ގެއްލުމެއްވާނޭ ކަމެއް: ފިރާގު

ހިރި ނިއުސްހިރި ނިއުސްSep 12, 2026

ދިހަ އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ތަރައްގީ ނުކުރެވި ހުރި ރަށްތަކުގެ ކޮންޓްރެކްޓްތައް އުވާލުމުގެ ސިޔާސަތަކީ އޮންނަން ޖެހޭ ސިޔާސަތެއް ކަމަށް އިނަރމޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ސޯޝަލް މިޑީއާގެ ޕްލެޓުފޯމެއްގައި އޭނާ ވިދާޅުވެފައިވަނީ ރިސޯޓެއް ތަރައްގީކުރުމަށް އެކަށީގެންވަ މުއްދަތެއް އިންވެސްޓަރުންނަށް ދޭންޖެހޭ ކަމަށެވެ. އެހެންނަމަވެސް "މާނަހުރި ކުރިއެރުމެއް ނުލިބި ގިނަ އަހަރުތަކެއް ވަންދެން ދައުލަތުގެ އަގުހުރި ރަށްތައް ހިފެހެއްޓުމަކީ ގައުމަށާއި ކައިރީގައިވާ މުޖުތަމައުތަކަށް ބޮޑު އިގްތިސާދީ ގެއްލުމެއް ލިބޭ ކަމެކެވެ." އޭނާ ވިދާޅުވެފައިވެއެވެ.

ގިނަ ކަންކަމާމެދު ޚިޔާލު ފާޅުކުރަމުން ގެންދަވާ ފިރާގު ވިދާޅުވެފައިވަނީ "ޕާޓްނަރުންނާއި ހިއްސާދާރުންގެ މެދުގައި ނުވަތަ ގާނޫނީ އެހެން މައްސަލަތަކެއްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރި ތަރައްގީކޮށްފައިވާ ރިސޯޓް ތައް ވެސް އެބަހުރި" ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ މިފަދަ މައްސަލަތަކަށް އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭ ކަމަށެވެ. "މައްސަލައެއް ކޯޓުތަކުގެ ކުރިމަތީގައި އޮންނައިރު، ގާނޫނީ ގޮތުން އެކަށީގެންވާ ބައެއް ގެ ހަވާލުގައި އެތަނެއްނުވަތަ ، ފައިނަލް ހުކުމެއް އަންނަންދެން، މިނިވަން ކޯޓުން އައްޔަންކުރާ ކެއަރޓޭކަރަކަށް ނުވަތަ އެޑްމިނިސްޓްރޭޓަރަކަށް އެތަން ބެލެހެއްޓުމާއި ހިންގުމުގެ ގާބިލްކަން ހުރި ބަޔަކާއި ހަވާލު ކުރެވެން ޖެހެއެވެ."

ގާނޫނީ މައްސަލައެއް ކުރިއަށްދާއިރު ގައުމީ ފަތުރުވެރިކަމުގެ އަގުހުރި މުދަލެއް އަހަރުތަކެއް ވަންދެން ބަންދުކޮށްފައި އޮވެގެން ނުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ފިރާގު ވިދާޅުވެފައިވަނީ ތަރައްގީ ނުކުރެވި ހުރި ތަންތަނާއި ބަންދުކޮށްފައިވާ ތަންތަނުން ލިބެންވާ ޓެކްސް އާއި ކުލީގެ އާމްދަނީ ސަރުކާރަށް ގެއްލޭ ކަމަށެވެ. އަދި މުޖުތަމައުތަކަށް ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތަކާއި އެހެނިހެން އިގްތިސާދީ ފައިދާ ވެސް އޭގެ ސަބަބުން ގެއްލިގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިފަދަ ސިޔާސަތު ކަނޑައަޅާއިރު އެ ސިޔާސަތަކީ ޚިޔާރުކުރެވޭ ސިޔާސަތަކަށް ނުވަތަ ވަކި ފަރާތްތަކެއް ގެ މައްޗަށް ބިނާވެފައިވާ ސިޔާސަތަކަށް ވެގެން ނުވާނޭ ކަމަށް ވެސް އޭނާ ވާނީ ވިދާޅުވެފައެވެ. "ހަމަހަމަ އުސޫލުތަކާއި ޓައިމްލައިންތަކާއި އިޖުރާއަތްތައް އެންމެންނަށް ވެސް ހަމަހަމަ ގޮތެއްގައި އަމަލުކުރަން ޖެހެ އެވެ. އެ ޕްރޮސެސް ވާންޖެހޭނީ ހާމަކަން ބޮޑު، އިންސާފުވެރި އަދި އެއްގޮތަކަށް، ސިޔާސީ ނުވަތަ އަމިއްލަ ނުފޫޒެއް ނެތި ކުރިއަށް ގެންދިއުމަށެވެ."

Related News